Last Updated: April 25, 20:04
Thursday, April 25, 2024
ރިޕޯޓް

އިސްމެހެލާހެރައަކީ ހަމަ ހުސް ވާހަކައެއް!

އިސްމެހެލާ ހެރަ ޕްރޮޖެކްޓް އިފްތިތާހް ކުރިތާ 2 އަހަރު: އަދިވެސް ކޮންޓްރެކްޓަރަކާއި ހަވާލު ނުކުރެވޭ.

އައްޑޫ އިސްމެހެލާހެރަ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިތާހު ކުރިތާ އަހަރެއް ވެގެން ދިޔައީ އެވެ. ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ބައިވެރިވެވަޑައިގެން ހޮޓެލް ޖެންގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައި އިސްމެހެލާހެރަ ތަރައްގީ ކުރާ ވާހަކަ ދައްކަވައި، ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުން ވެސް މިހާރު ފޮހެވޭހޭ ދުވަސްވީ އެވެ.

އެ ރަސްމިއްޔާތު އިތުރަށް ކުލަ ގަދަކޮށް، ރައްޔިތުންނަށް ދަޅަ ދައްކަން ކުރެއްވި އަނެއް ކަމަކީ އައްޑޫ ސިޓީ ކައުންސިލްގައި ހުޅުމީދޫ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ވެސް "ގަނެލައި" ޕީޕީއެމަށް ސޮއި ކުރެއްވުމެވެ.

'އިސްމެހެލަ ހެރަ' ޕްރޮޖެކްޓް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ:އަސްރުމާ
'އިސްމެހެލަ ހެރަ' ޕްރޮޖެކްޓް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ:އަސްރުމާ

ރައްޔިތުން އުންމީދުކޮށްގެން ތިބީ އައްދު "ގަނެލައިގެން" ނަމަވެސް، ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރުން އިސްމެހެލާހެރަ ވަރަސް އަވަހަށް ތަރައްގީ ކުރާނެ ކަމަށެވެ. އެ ރޭގެ ރަސްމިއްޔާތުގައި އަދީބް ވިދާޅުވި ގޮތުގައި ހުޅުމީދޫ ކައިރީ އޮންނަ އިސްމެހެލާހެރައިގައި 600 ކޮޓަރީގެ ރިސޯޓެއް ތަރައްގީކޮށް، ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ވެސް ވަރަށް އަވަހަށް ހުޅުވައި ދެއްވާނެ އެވެ. އެގޮތުން އެ ރަށަކީ މަދުވެގެން 1،800 އެއްހާ ވަޒީފާ އައްޑޫގައި އިތުރުވެގެން ދާނެ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.

އިސްމެހެލާހެރަ ތަރައްގީ ކުރާ ވާހަކަ ފެށުނީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމަކު ނޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެއީ ޕްލޭން ކުރެވިފައި އޮތް ކަމެކެވެ. ކަންތައް ދިމާކުރި ގޮތުން ދައުރު ފުރިހަމަ ނުވަނީސް ނަޝީދަށް ވެރިކަން ގެއްލުމުން އެކަން ވެސް ހުއްޓުނީ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިސްމެހެލާހެރަ ތަރައްގީ ކުރާނެ ބަޔަކު ހޯދަން ހުޅުވާލި ވެސް މެ އެވެ. ބައެއް ކުންފުނިތަކުން އެކަމަށް ޝައުގުވެރިކަން ވެސް ފާޅު ކުރި އެވެ. އެކަމަކު ފަހުން އެކަން ބާތިލްކޮށް، އަލުން މަސައްކަތް ފެށީ އެވެ.

ޓޫރިޒަމް މިނިސްޓަރުކަމާ މޫސާ ޒަމީރު ހަވާލުވެވަޑައިގަތްތާ ކުރީކޮޅު ހޭބޯ ނާރައިގެން ދުވާލު ދެ ދަޅަށް އިސްމެހެލާހެރައިގެ ވާހަކަ ދެއްކެވި އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އައްޑު އަށް ވަޑައިގެން ސީދާ އިސްމެހެލާހެރަ ބައްލަވާލައްވަން ވެސް މިނިސްޓަރު ވަޑައިގެންނެވި އެވެ.

އެ ދަތުރުގައި މިނިސްޓަރު ވިދާޅުވީ އިސްމެހެލާހެރަ ތަރައްގީ ކުރަން ދިވެހި ކުންފުންޏަކާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކުންފުންޏާ އެކު ޑިސެމްބަރު މަހުގެ ތެރޭގައި ސޮއި ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު މިނިސްޓަރު ވިދާޅުވި ތާރީހުތައް ފަހަނައަޅައި ދިއުމުން މީޑިއާތަކުން އެކަމާ ސުވާލު ކުރަން ފެށުމުން ފަހުން ވިދާޅުވީ ޖެނުއަރީ މަހުގެ ތެރޭގައި އެގްރިމަންޓް ސޮއިކޮށް، ފެބްރުއަރީހާ ތާނގައި އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

އެހެން ނަމަވެސް ޖެނުއަރީ މަސް ނިމިގެން ދިޔަ އިރު ވެސް މިނިސްޓަރު އެ ވިދާޅުވި އެގްރިމަންޓްގައި ގަލަން ހިންގޭ ކަމަކަށް ނުވި އެވެ. ދެން އެކަމާ އަނެއްކާ ވެސް މީޑިއާތަކުން ސުވާލު ކުރުމުން ވިދާޅުވީ އިސްމެހެލާހެރައިގައި ސާވޭގެ މަސައްކަތްތަކެއް އެ ޕްރޮޖެކްޓް ހަވާލު ކުރާ ކުންފުނިން ކުރިއަށް ގެންދާ ކަމަށެވެ. އެހެންވެ ސާވޭ ނިންމައި، އެގްރިމަންޓްގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ޑޮކިއުމަންޓެއް ފުރިހަމަ ކުރެވުމުން އެގްރިމަންޓްގައި ސޮއި ކުރާނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު މިނިސްޓަރު ދައްކަވަން ފެއްޓެވި އެ ވާހަކަގައިގައި ހަގީގީ ކުލައެއް ނުޖެހި އުޅެނިކޮށް، އަހަރު ދެބައި ވަނީ އެވެ. މިހާރު އިސްމެހެލާހެރައިގެ ވާހަކައެއް އެއްގޮތަކަށް ވެސް ސަރުކާރުން ދައްކާ އަޑެއް ނީވެ އެވެ. ފަހުން މިނިސްޓަރަށް ގުޅުމުން ފޯނެއް ޖަވާބެއް ވެސް ނުދެއްވަ އެވެ.

އިސްމެހެލާހެރަ ތަރައްގީ ކުރަން ބަޔަކާ ހަވާލު ކުރަން ތައްޔާރުވި ވާހަކަ މިނިސްޓަރު ޒަމީރު އެހާ ގަދަ އަށް ދެއްކެވި އިރު، އެކަން ހަވާލު ކުރަނީ ކޮން ކުންފުންޏަކާ ކަމެއް ވިދާޅެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެ ޕްރޮޖެކްޓް ހަވާލު ކުރަން ނިންމީ ސީޕްރިއާ އާ އެވެ. އެކަން އެ ކުންފުނީގެ އިސް އޮފިޝަލަކު "އައްޑޫ ލައިވް" އަށް ކަށަވަރު ވެސް ކޮށް ދެއްވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިސްމެހެލެހާހެރަ އެ ކުންފުންޏާ ހަވާލު ކުރަން ނިންމިކަން ރަސްމީކޮށް އެންގި ލިއުން ވެސް އޮފިޝަލް ވަނީ "އައްޑޫ ލައިވް" އާ ހިއްސާ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ހިސާބަށް އިސްމެހެލާހެރައިގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ކުއްލި ގޮތަކަށް އެ ކުންފުންޏާ އެ މަޝްރޫއު ހަވާލު ނުކުރަން ނިންމީ، ސީޕްރިއާގެ މެނޭޖްމަންޓްގައި ހިމެނޭ ދުވަސްވީ ބައެއް ބޭފުޅުން އެކަމުގެ ތެރެއަށް ވަނުމާ މެދު ދެވަނަ ހިޔާލަކަށް ދާން ފެށުމުންނެވެ.
އެހެންވެ އެންމެ ބޮޑަށް އުފެދުނު ސުވާލަކީ ސީޕްރިއާ އެކަމަށް ތައްޔާރު ނޫންކަން އެންގުމުން ސަރުކާރުން މަޑު ޖައްސާލީތޯ އެވެ؟ މިއީ އަދި ޖަވާބު ނުލިބި އޮތް މުހިއްމު ސުވާލެކެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ވާހަކަތަކަށް ބަލާ އިރު އިސްމެހެލާހެރަ އަށް ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބޭރުގެ ބައެއް ކުންފުނިތައް ވެސް ހިމެނެ އެވެ. އެހެންކަމަށްވާ ނަމަ ސީޕްރީ ނޫން ބަޔަކާ ވެސް އިސްމެހެލާހެރަ ހަވާލު ކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ އެވެ. ސުވާލަކީ އެކަން ނުކޮށްގެން އުޅެނީ ކީއްވެގެން ބާވަ އެވެ؟ އަދި އިސްމެހެލާހެރަ ތަރައްގީ ކުރުމުގެ މަޝްރޫއު ނުފެށިގެން އުޅޭ ސަބަބެއް ވެސް ސަރުކާރުން ރައްޔިތުންނަށް ސާފުކޮށް ދޭން ޖެހޭނެ އެވެ.

ފެންނަން އޮތް ހަގީގަތަކީ އަތޮޅު ތެރޭގައި ތަރައްގީގެ މަޝްރޫއެއް ކުރިއަށް ގެންދަން ސަރުކާރުން މިހާރު ފަސް ޖެހޭ ކަމެވެ. ކަރުދާހުގައި އަދި އެއްޗެއް ލިޔެވިފައި އޮތަސް އެއަކަށް އަމަލީ ސިފައެއް ގެންނާކަށް ސަރުކާރުން ބޭނުމެއް ނުވެ އެވެ. އަބަދު ވެސް ދައްކަނީ ގްރޭޓް މާލެ ސަރަހައްދު ތަރައްގީ ކުރާ ވާހަކަ އެވެ. އެ ސަރަހައްދަށް މީހުން ތޮއްޖައްސަން އުޅޭ ވާހަކަ އެވެ. އެ ސަރަހައްދަށް އެންމެން އަންނަންވީ ވާހަކަ އެވެ.

ސަރުކާރުގެ ބަސްމަގު މިގޮތަށް ހުންނާތީ އިސްމެހެލާހެރަ ފަދަ މަޝްރޫއުތައް ކައިރި މުސްތަގުބަލެއްގައި ފެށިދާނެކަމާ ދޭތެރޭ މިހާރު ޝައްކެވެ. ރައްޔިތުން އާމްދަނީ ހޯދާނެ ގޮތްތަކެއް ނެތިގެން އެ ވާހަކަ ދައްކަ ދައްކައި ހަމަ ތިބެން ޖެހޭނީ އެވެ. އިސްމެހެލާހެރަ މަޝްރޫއަށް ބަލާ އިރު، އެއީ އައްޑު އަށް ހަމަ ވަރަށް މުހިއްމު ޕްރޮޖެކްޓެކެވެ. ހާއްސަކޮށް އެއީ ވަކިން އޮންނަ ހުޅުމީދު ކައިރީގައި އޮތް ރަށަކަށްވުމާ އެކު އެތަން ރިސޯޓެއްގެ ގޮތުގައި ތަރައްގީވެގެން ދިއުމަކީ ހުޅުމީދޫ ރައްޔިތުން އަބަދު އެދިއެދި ތިބި ކަމެކެވެ.

އެހެން ނަމަވެސް އިސްމެހެލާހެރައިގެ ވާހަކައަކީ ސަރުކާރުން ދެއްކި ހުސް ވާހަކައެކެވެ. ސިޔާސީ މަންފާތަކެއް ހާސިލް ކުރަން މިފަދަ އެތައް ވާހަކައެއް ދައްކާނެ އެވެ. ލާމަރުކަޒީ ގާނޫނުން ލިބިފައިވާ ހުރިހާ ބާރުތައް އައްޑޫ ސިޓީ ކައުންސިލުން މިހާރު ފޭރިގެންފައިވާ އިރު، އެ ކައުންސިލް އިދިކޮޅު އެމްޑީޕީ ކޮންޓްރޯލް ކުރުމަކީ ވެސް ސަރުކާރަށް ހަޖަމް ކުރެވޭ ވަރުގެ ކަމަކަށް ނުވީ އެވެ.

އެހެންވެ އިސްމެހެލާހެރަ މަޝްރޫއު އިފުތިތާހު ކުރި ކުރުމަކީ އެ ކައުންސިލްގެ މެމްބަރަކު ސަރުކާރު ހިންގާ ޕާޓީ އަށް ގަނެލަން ކުޅުނު ސިޔާސީ ކުޅިއެކެވެ.