Last Updated: May 6, 15:27
Monday, May 6, 2024
ޚަބަރު

މިތިބީ އަލި ރަސްގެފާނު ނަމޫނާއަކަށް ބަލައިގެން: ގާޒީ ބާރީ

ފުލުހުންނާއި، ފަނޑިޔާރުން ގުޅިގެން މިކުރައްވާ މަސައްކަތަކީ ގައުމީ ޖިހާދެއް ކަމަށާއި، މިތިބީ އަލި ރަސްގެފާން ނަމޫނާއަކަށް ބަލައިގެން ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އޮތް ފަނޑިޔާރުންގެ މަހާސިންތާގައި ފުލުހުންނާއި އެކު ބޭއްވި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ބާރީ ވިދާޅުވީ އަލި ރަސްގެފާނުގެ ވާހަކައިން އިބްރަތްލިބިގަނެގެން އަމާން ދިވެހި ރާއްޖެއެއް ގާއިމް ކުރުމަަށް މަސައްކަތް ކުރައްވަންޖެހޭ ކަމަށެވެ.

ފަނޑިޔާރުންގެ މަސައްކަތަކީ ގައުމީ ޖިހާދެއް ކަމަށް ވިދާޅުވެ، ބާރީ ވާހަކަފުޅު ދައްކަވާފައިވާ އިރު ދާދި ފަހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ބައެއް ޝަރީއަތްތަކުގައި ބާރީ ދައްކާފައިވާ ވާހަކަފުޅުތަކުން ދޭހަވެގެން ގޮސްފައިވަނީ މުޅިން އެހެން ކަމެކެވެ.

އަލި ރަސްގެފާނަށް ނިސްބަތް ކުރައްވައި ވާހަކަފުޅު ދެއްކެވި އިރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ޝަރީއަތް މަޖްލިސް ކުރިއަށް ދަނިކޮށް ގާޒީ ބާރީ ވަނީ "ގޮތެއް ނިންމަވައިގެން ހުރިކަމަށް" ވިދާޅުވެފައެއެވެ. އަދި އެވާހަކައަކީ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޝަރީއަތް ހިނގަމުން ދަނިކޮށް ވިދާޅުވެވޭނެ ބަހެއް ނޫންކަމަށް ގާނޫނީ ދާއިރާގެ ބޭފުޅުން ވަނީ ވިދާޅުވެފައެެވެ.

އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލުހުކުމެއް ބާރީ އިއްވާފައިވަނީ "ގަބޫލް ކުރެވޭ" ގަބޫލް ކުރުމެއްވުމަކަށް ބައްލަވައިގެން ކަމަށް ހުކުމްގައިވެއެވެ.

ފަނޑިޔާރުންގެ މަހާސިންތާގައި، ފަނޑިޔާރުންގެ ކަންބޮޑުވުން ތަކާއި، ފުލުހުންނާއި ގުޅިގެން ރަނގަޅު ކުރަންޖެހޭ ކަންކަމާއި މެދު ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.