Last Updated: May 18, 11:51
Saturday, May 18, 2024
ޚަބަރު

ފުލުހުން އައްޑޫގައި ޖިމް އިންސްޓްރަކްޓަ ކޯހެއް ހިންގަނީ

ޕޮލިސް އެކަޑަމީން އައްޑޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޖިމް އިންސްޓްރަކްޓަ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފި އެވެ.

ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހަކީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް އެކެއްގެ ކޯހެކެވެ.

ޖިމް އިންސްޓްރަކްޓަ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައިވާ އިރު ކުރިމަތިލާ ފަރާތްތަކަކީ ގްރޭޑް 7 ފުރިހަމަކޮށްފައިވާ މީހަކަށް ވާން ޖެެހެ އެވެ.

އަދި އުމުރުން ވުމާއި 16 އަހަރުން މަތީގެ މީހަކަށް ވެސް ވާން ޖެހެ އެވެ.

ކޯހާ ގުޅޭ އިތުރު މަޢުލޫމާތު 9794595 އަށް ގުޅުމުން ލިބޭނެ އެވެ.

ފުލުހުންނަށާއި އާންމު ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދީ ޒުވާނުން ބާރުވެރި ކުރުމަށާއި މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ހިންގާ ކޯހެއް ކަމަށް ފުލުހުން ބުންޏެވެ.

ކޯހުގައި ކިޔަވައި ދެއްވަނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ ކަމުގެ ތަޖުރިބާ ލިބިފައިވާ ޤާބިލް މުދައްރިބުންނެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

ފުލުހުންނާއި އާއްމު ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް މީގެ ކުރިން ވެސް ޖިމް އިންސްޓްރަކްޓަރު ކޯހުގެ ތިން ބުރެއް ވަނީ ހިންގައިފަ އެވެ.