Last Updated: May 19, 17:32
Sunday, May 19, 2024
ޚަބަރު

އައްޑޫގެ ވަނަވަރާ ބެހޭ ފޮތެއް ލިޔަނީ

އައްޑޫގެ ވަނަވަރާ ގުޅުން ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ފޮތެއް ލިޔާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ މިކަން ކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

ފޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުން އަންނަ މަހުގެ 10 ވަނަ ދުވަހު ހިތަދޫގައި ހުންނަ ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

މައުލޫމާތު ދިނުން އޮންނާނީ އެ ދުވަހު ހެނދުނު 11:00 ގަ އެވެ.

ކައުންސިލުން ބުނީ މައުލުމާތު ސާފު ކުރަން ނުދާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައި ނުގަންނާނެ ކަމަށެވެ.

އައްޑޫގެ ވަނަވަރާ ބެހޭ ފޮތެއް ލިޔާނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާން ކުރި އިރު، ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ފޭދޫ ކައުންސިލަރު އަލީ ފަހުމީ އަހުމަދަކީ ވެސް ލިއުންތެރިއެއްކަން ފާހަގަކޮށްލެވެ އެވެ.

އޭނާ ވަނީ އައްޑޫގެ ތާރީހާ ބެހޭ ބައެއް ފޮތްތައް ވެސް ނެރުއްވައިފަ އެވެ.