Last Updated: April 25, 18:52
Thursday, April 25, 2024
މީހުން

ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކު މަރުވެއްޖެ

ފޭދޫ ބޮޑުމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފޭދޫ ބޮޑުމަގުގައި ހުންނަ ޓަޓްސޯ ރެސްޓޯރަންޓު ކައިރިން ހިނގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ ފޭދޫ ވެލިދޫގެ، ފާތުމަތް ސާދާ، 40، އެވެ.

ނިޔާވެފައިވާ ސާދާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައިކަމަށް މަންޒަރު ދުށް ފަރާތަކުން "އައްޑޫލައިވް" އަށް ކިޔާދީފައިވެއެވެ.

މި އެކްސިޑެންޓް ހިނގުމާއި އެކު ސާދާ ވަނީ ވަގުތުން ފޭދޫ ސިއްހީ މަރުކަޒަށް ގެންދެވިފައެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ކަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނެވެ.

ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނުއިރު ސާދާގެ ހިތުގެ ވިންދާއި ތެޅުމެއް ނެތް ކަމަށާއި ޑޮކްޓަރަކަށް ފަރުވާ ދިނުމުގެ ފުރުސަތެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

އެކްސިޑެންޓްގައި މަރުވި ސާދާ މެދުގައި.
އެކްސިޑެންޓްގައި މަރުވި ސާދާ މެދުގައި.

އެކްސިޑެންޓުގައި ދެން އަނިޔާވެފައިވަނީ ސ.ހިތަދޫ، މިސްކިތް ދޮށުގޭ، ސުލޭމް ސޯބިރުއެވެ. އޭނާ އަކީ ގަމުގެ ފްލައިން ސްކޫލުގެ ދަރިވަރެކެވެ. ސްލޭމްއަށް ފޭދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު އިތުރު ފަރުވާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ.

ސާދާ ވަނީ ގިނަ ދުވަސްތަކެއް ޓީޗަރެއްގެ ވަޒީފާ އަދާކުރައްވާފައެވެ، ނިޔާވި އިރު ސާދާ ގެންދެވީ ފޭދޫ ސްކޫލުގެ ލީޑިން ޓީޗަރެއްގެ މަގާމު އަދާކުރައްވަމުންނެވެ.