Last Updated: May 18, 11:51
Saturday, May 18, 2024
ޚަބަރު

އައްޑު އަށް ޑްރަގް "އެތެރެ ކުރި" މީހަކު ހައްޔަރުކޮށްފި

އައްޑު އަށް އެތެރެކުރި މަސްތުވާތަކެތި ހޯދައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސާއި އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 22 އަހަރުގެ ފިރިހެނެކެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވައިގެ މަގުން އައްޑު އަަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 6 ވަނަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްހު ރި ބޮޑު ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ދެ ޕެކެޓްގެ ވަގުތީ ބަރުދަނަކީ 522 ގްރާމެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ބަންދަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.