Last Updated: April 16, 14:52
Tuesday, April 16, 2024
ސިޔާސީ

40 އަހަރުގެ ތަރައްގީ މިއޮތީ ތިން އަހަރުން ކޮށްފައި: ސައީދު

ރައީސް ޔާމީން އާއި އިކޮނޮމިކް މިނިސްޓަރ ސައީދު. ފޮޓޯ: ވީމީޑިއާ

ރައީސް ޔާމީންގެ ސަރުކާރުގެ ވޭތުވެދިޔަ 3 އަހަރު ގެނެސްދިން ތަރައްޤީ އަކީ ފާއިތުވެ ދިޔަ 40 އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ތަރައްޤީއާއި އެއްވަރުގެ ތަރައްޤީއެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެއަށް ގެންނެވި ތަރައްޤީއަށް ބަލާއިރު، ހަމައެކަނި ފަތުރުވެރިަކުމުގެ ދާއިރާއަށް ބެލި ނަމަވެސް ފާއިތުވެ ދިޔަ 40 އަހަރު އެދާއިރާއިން ލިބިފައިވާ ކުރިއެރުމާއި އެއްވަރުގެ ތަރައްްޤީ ގެނެސްދެއްވާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ ޤައުމެއް ހަޤީގީ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީ، އިޤްތިސާދީ މިނިވަންކަން އެޤައުމަކަށް ލިބިގެންކަމަށެވެ. އަދި ރައީސް ޔާމީން ގެންދަވަނީ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް ބުރަ މަސައްކަތް ތަކެއް ކުރައްވަމުން ކަމަށެވެ.

ސައީދު ވިދާޅުވީ ޔާމީންގެ ސަރުކާރުގެ ފާއިތުވި ތިން އަހަރު ތެރޭ އަތޮޅު ތެރޭގައި ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން އަތޮޅުތަކުގައި، ބަނދަރު ހެދުމާއި، މަގުހެދުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށްދާ މިންވަރަށް ބަލާއިރު، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އަތޮޅުތެރެއަށް ނާންނަ ވަރުގެ ތަރައްޤީއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ތަރައްޤީއެއް ދިވެހިންނަށް ހޯއްދަވައި ދެއްވާތީ އެމަނިކުފާންގެ ފަހަތުގައި ރައްޔިތުން ތިބެން ޖެހޭ ކަމަށެވެ.