Last Updated: July 27, 18:03
Tuesday, July 28, 2026
ރިޕޯޓް

1175 ދުވަސް، އައްޑޫ އައިޓީ ޕާކް ކޮބާ؟

މަޤްސަދަކީ ހަނދާންކޮށްދިނުމެވެ. ރައްޔިތުންގެ ވެރިންކަމުގައި ވިޔަސް ގިނަ ފަހަރަށް ވަޢުދުތަކުގެ މަތިން އެބޭފުޅުން ހަނދުމަފުޅު ނެތި ވަޑައިގަންނަވައެވެ.

ސަރުކާރުގެ ބައެއް ވެރިންނަށް ވަޢުދުތައް ކޮބައިތޯ އަހައިފި ނަމަ އެއީ ސަރުކާރަށް ޖެއްސުން ކުރުން ކަމަށް ބެލެވެއެވެ. މިއީ ޖެއްސުން ކުރުމެއް ވެސް ނޫނެވެ. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތެއް ލިބުމަށް އެދި ތިބި ޒުވާނުންގެ ޝުޢޫރުތަކެވެ.

އައިޓީ ޕާކެއްގެ ހުވަފެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އައްޑޫގެ ޒުވާނުންނަށް ދެއްކެވީ، މިހާރުގެ ރައީސް އަބްދުﷲ ޔާމީނެވެ. އެހެން ނަމަވެސް ހިތާމައަކީ، 2013 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހުގެ ފަހުން ރައީސް ޔާމީން އަދި އެމަނިކުފާނުގެ ސަރުކާރުގެ ވެރިޔަކު ވެސް އައިޓީ ޕާކުގެ ވާހަކައެއް ނުދައްކަވާ ކަމެވެ.

" މިއީ ފަސޭހަކަމާ އެކު ކުރެވޭނެ ކަމެއް. އައިޓީގެ މަސައްކަތް ކުރުމަށް ސޮފްޓްވެއާ ތައްޔާރު ކުރުމަށް. އެއީ މިހާރު ވެސް އަމިއްލަ ފަރުދުން ވެސް ރިސޯޓްތަކަށް ބޭނުންވާ ސޮފްޓްވެއާ އެބަ ތައްޔާރު ކުރޭ. އޭގެ ބެލެންސްޝީޓްގެ ހުންނަ މައުލޫމާތުތައް ދަސްކުރުމާއި އިންވެންޓްރީގަ މުދާ ހުސްވަމުންދާ މިންވަރު ދެނެގަތުމާ އާވެ ނުވަތަ ބާވެ ގިނަ ދުވަސްވަމުންދާ ފަސޭހަކަމާ އެކީގަ ލެޕްޓޮޕްގެ ސްކްރީނަކުން ފެންނާނެ ކަހަލަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމާ މިކަހަލަ ވަރަށް ގިނަ ތަފާތު މަސައްކަތްތައް އެބަ ކުރައްވާ، އެހެންވީމާ މި މަސައްކަތަކީ އައިޓީ ޕާކެއް އުފައްދައިގެން އައްޑޫގައި ރަސްމީކޮށް ކުރެވިދާނެ މަސައްކަތެއް. މިއީކީ ހަރަދުތަކެއް ހިނގާނެ މަސައްކަތެއް ވެސް ނޫން " 2013 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހު އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

ސަރުކާރަށް އަހަރު ފުރިގެން 3 ހަފްލާއެއް ބާއްވައިފިއެވެ. އެއިން އެއްވެސް ޙަފްލާއެއްގައި އައިޓީ ޕާކުގެ ވާހަކައެއް ނުދައްކަވައެވެ. އައިޓީ ޕާކު ތަރައްޤީކުރުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލީ ކަމެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ދާދި ފަހުން އައްޑޫއަށް ވަޑައިގެންނެވި، ވެރިކަމުގެ އެތެރޭ ކޮއިލާއި ގާތްގުޅުމެއް އޮންނަ ބޭފުޅަކު ހިތަދޫ ރައްޔިތުންގެ ލޮލަށް ގޮވާ ހިސާބަށް ކަންތައް ދިޔައީ، ސަރުކާރުން ވަޢުދުތައް ނުފުއްދޭ ވާހަކަ ދެއްކުމުންނެވެ. އޭގެ ތެރޭގައި މި އައިޓީ ޕާކު ވަޢުދުގެ ޝަކުވާ ވެސް ހިމެނެއެވެ.

ރައްޔިތެއްގެ ލޮލަށް ގޮވިޔަސް މިވާހަކަ ރައްޔިތުން ދައްކާނެއެވެ. ހިސާބު ހަދާލުމުން، ރައީސް ޔާމީން އައިޓީ ޕާކެއް ޤާއިމްކުރާނެ ކަމުގެ ވަޢުދު ވެވަޑައިގެންނެވިތާ މިއަދަށް 1175 ދުވަސް ވާނެއެވެ.

އައިޓީ ޕާކް ވަޢުދަށް 455 ދުވަސް ވުމުން އެވާހަކަ އާއި 700 ދުވަސް ހަމަވި ދުވަހު ވެސް އެވާހަކަ ސަރުކާރުގެ ސަމާލުކަމަށް ގެނެސްދިނުމަށް އައްޑޫގެ ޒުވާނުން އެދުމުން އެވާހަކަ 'އައްޑޫލައިވް'ގައި ވާނީ މީގެ ކުރިން ގެނެސްދީފައެވެ. އަދި ހަަމަ އެހެންމެ އެ ވަޢުދަށް 813 ދުވަސް ވުމުންނާއި 875 ދުވަސް ވުމުން، އަދި 1022 ދުވަސް ވުމުން އެވާހަކަ ވެސް ވާނީ ގެނެސްދީފައެވެ.