ދެފަޅިވެފައިވާ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރ ސައުދު ޙުސައިން އާއި ފާރިސް މައުމޫން ބައްދަލުކުރައްވައިފިއެވެ.
ރައީސް މައުމޫންގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
ވައްޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތާއި މެންބަރު ސައުދު ގުޅިވަޑައިގެންފައިވާ ކަމަށެވެ.
ސައުދު މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ރައީސް މައުމޫން އަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.
"ރައީސް މައުމޫން އަކީ ޕީޕީއެމް. ޕީޕީއެމް އަކީ މައުމޫން، މައުމޫންގެ ހިދުމަތް ދިވެހި ގައުމުން ފޮހެ ނުލެވޭނެ" ސައުދު ކުރެއްވި ޓްވީޓްގައި ވެއެވެ.
މައުމޫން ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ބުނި ގޮތުގައި އިރާދަކުރެއްވިއްޔާ މިފަދަ އެތައް މަންޒަރުތަކެއް ފެނިގެންދާނެ ކަމަށާއި، މި ބައްދަލުވުމާއި ބެހޭ ތަފްސީލް ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށެވެ.
" އިރާދަކުރެއްވިއްޔާ މިފަދަ އެތައް އުފާވެރި މަންޒަރުތަކެއް ފެނިގެންދާނެ. ބައްދަލުވުމުގެ ތަފްސީލް އެނގިވަޑައިގަންނަވާނެ ކުރިއަށް އޮތް ތަނުގައި."
މެންބަރު ސައުދު ރައީސް މައުމޫންގެ ފެކްޝަނުގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައިވާއިރު، ދިވެހި ރާއްޖޭގެ ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ ރައުސްމާލުން ކަމަށާއި އެބޭފުޅުންނަށް އިހުތިރާމް ކުރައްވަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.