ހިތަދޫގައި އަޅާފައިވާ 230 ފްލެޓަކާއި ހުޅުމީދޫން 38 ފްލެޓަކަށް ކުރިމަތިލާން ފާއިތުވި އަހަރުގެ މެއި މަހު ހުޅުވާލުމުން ކުރިމަތިލި 585 ފަރާތަށް އެމީހުންނަށް ފްލެޓް ލިބޭނެ ކަމެއް ނުވަތަ ނޫންކަމެއް ނޭނގެ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި އައްޑޫގައި ހަދަމުން އަންނަ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނޮވެމްބަރ (2016) މަހުގެ ތެރޭގައި ގުތުއަތުލުން ބާއްވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ހައުސިން މިނިސްޓްރީ އިން ބުނި ތާރީޚުގައި ގުރުއަތުލުން ބޭއްވިފައި ނުވާއިރު މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ މިނިސްޓްރީން ބުނެފައި ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށެވެ.
ފޯމު ހުށަހެޅި މީހުންނަށް ފްލެޓް ކަންތަކުގައި ވާނުވާއެއް ނޭނގިފައި!
ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކުން ތިބީ އެމީހުންނަށް ލިބިފައިވާ ގޯތިތައް ވެސް ދޫކޮށްލަން ތައްޔާރަށެވެ. އެމީހުން ބުނާގޮތުގައި ފޯމު ހުށަހެޅީ ފްލެޓް ލިބޭނެކަމުގެ އުއްމީދުގައި "ފޮށި ތަންމަތި ބަނދެގެން" ތިބެ ކަމަށާއި މިހާރު އުއްމީދު ގެއްލިފައިވާ ކަމަށެވެ.
"މި ފްލެޓްތައް ނުދެންޏާ މިވާހަކަ ވެސް އަންގާލަ ދިނިއްޔާ އަޅެ ކީއްތަ. ބައްޕަގެ ގޯތިން ލިބުނު ތަނުގައި ތަނެއް ހަދަން ނުފަށާ މިހިރީ ވެސް މި ފްލެޓަށް ވާނުވާ ނޭނގޭތީ." ހިތަދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ، އެމީހުންނަށް އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ނޭނގުމެވެ. އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ އޮފީހަށް ދިއުމުން އެކަމަށް އެމީހުންނަށް އެކަށީގެންވާ ޖަވާބެއް ނުލިބެއެވެ.
"އޮފީހަށް ދިއުމުން ބުނަނީ، ކުރިއަށް އެބަދެއޭ. ތަފްސީލެއް ނުލިބޭ. ވެރިއެއްގެ ފައިންޕުޅު ފެންނަނީ އެއް ނޫން. ހަފްތާއަކު އެއްފަހަރު އެބަދަން އޮފީހަށް މި ސުވާލު ކުރަން. ހަމަ ކުރިއަށް ދަނީ އޭ ބުނަނީ"
ފްލެޓްތައް ހަވާލު ކުރުން ލަސްވާ ސަބަބު ؟

އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުކުރުން ލަސްވަމުންދާތީ އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވީ، މިހާރު ވެސް ފްލެޓްތަކަށް އެދި ހުށަހެޅި ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި ޝޯޓް ލިސްޓު ކުރެވިފައިވާ ފަރާތްތަކުގެ މައުލޫމާތު އިތުރަށް ވެރިފައި ކުރުމުގެ ކަންތައް ކަމަށެވެ.
ހިތަދޫ އިން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވުނު ފަރާތްތަކުގެ މައުލޫމާތު އިތުރަށް ސާފުކުރަން ޖެހިފައިވާކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، ލަފާކުރެވޭ ގޮތުގައި މި މަސް ނިމެންވާއިރަށް އެބައިތައް ފުރިހަމަ ކުރެވޭނެ ކަމަށެވެ.
ހިތަދު އާއި ހުޅުމީދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް އެދި ފޯމު ހުށަހެޅިތާ އަހަރެއް ވެގެން ދާއިރު ފްލެޓްތައް ހަވާލު ނުކުރެވުމުގެ ކަންބޮޑުވުން ގިނަ ބަޔަކު ގެންދަނީ ފާޅުކުރަމުންނެވެ.
އެމްޑީޕީގެ ވެރިކަމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފޭދޫގައި އިމާރާތްކުރި ފްލެޓްތަކަށް ވެސް މީހުންނަށް ވަދެވޭ ވަރުވީ އެ ފްލެޓްތައް ނިމުނުތާ ގާތްގަނޑަކަށް 3 އަހަރު ވާން އުޅެނިކޮށެވެ.