Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ވެލާ ރިސޯޓްގެ ޓީމަށް އޮތް އެޑްވާންޓޭޖަކީ ތަޖުރިބާ

ވެލާ ޕްރައިވެޓް ރިސޯޓްގެ ކުޅުންތެރިން ޕްރެކްޓިސްގައި. މިއީ އެޓީމުން ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރު

ޖޫން މަހުގެ ދެ ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓުގެ ޓީމުން ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ.

އެހެން ނަމަވެސް އެކަމުގެ ޕްރެޝަރެއް އަދި އުނދަގޫ ކަމެއް އެ ޓީމަކަށް ނެތެވެ. ގޯދިއްޔާ ފުޓްސަލް މުބާރާތުގައި މީގެ ކުރިން ކުޅެފައިވާ ފަރާތްތައް އެޓީމުގައި ތިބުމަކީ ވެލާ ރިސޯޓުގެ ޓީމަށް އެޑްވާންޓޭޖެކެވެ.

އެގޮތުން ޓީމުގެ މުގުލުގައި ހުރީ ފޭދޫ ޔޫތް ކޮމިއުނިޓީ (އެފްވައިސީ) އާއި އެކު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ގޯދިއްޔާ ފުޓްސަލް މުބާރާތް 2 ފަހަރު ކާމިޔާބުކޮށްފައިވާ، މުހައްމަދު ނިހާދު (ނިއްދޭ) އެވެ.

ވެލާ ޓީީމުގެ ކޯޗް ނިއްދޭ އާއި އެ ޓީމުގެ މެނޭޖްމަންޓުގައި އިސް ދައުރެއް އަދާކުރާ ފާއިޒު.

ކުޅުންތެރިއެއްގެ ގޮތުގައި ހޯދި ކާމިޔާބީތަކަށް ފަހު ކޯޗެއްގެ ގޮތުގައި ވެސް އައްޑޫގައި ބާއްވާ އެކި ފުޓްބޯޅަ މުބާރާތްތަކުގައި ނިއްދޭ ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ކޯޗެއްގެ ގޮތުގައި ނިއްދޭ ފެނިގެންދާ މިއީ 4 ވަނަ ފަހަރެވެ.

ވެލާ ޕްރައިވެޓް ރިސޯޓުގެ ވަޒީފާ އަދާކުރަމުން ގެންދާ ނިއްދޭ ބުނާ ގޮތުގައި އެ ޓީމާއި އެކު އައްޑޫއަށް އަންނައިރު ތަޖުރިބާ އަކީ އެޑްވާންޓޭޖަކަށް ވާނެ ކަމަށާއި އެހެން ނަމަވެސް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ތެރޭގައި އޮތް އެއްބައިވަންތަކަން ކަމަށެވެ.

" ތަޖުރިބާ އަކީ އެޑްވާންޓޭޖެއް. އެހެން ނަމަވެސް މި ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި، ރިސޯޓުގެ ހުރިހާ ސްޓާފުން އަދި މެނޭޖްމަންޓުން ޓީމުގެ ފަހަތުގައި ތިބުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން. "

ޓީމުގެ ކުޅުންތެރިންނާއި ބެހޭގޮތުން ސުވާލުކުރުމުން ނިއްދޭ ބުނީ، އެ ޓީމުގެ ކޮންމެ ކުޅުންތެރިޔަކީ ވެސް ޓީމަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި، ވަކި ކުޅުންތެރިއަކު ފާހަގަކުރަން ބޭނުން ނުވާ ކަމަށެވެ.

" މިޓީމުގައި ވަކި ކުޅުންތެރިޔަކަށް ދޫކުރާނެ ކުޅުންތެރިއެއް ނެތް. މުޅިން ވެސް ހުނަރުވެރި ކުޅުންތެރިން މިތިބީ. ޓީމު ބިނާވެފައި މިވަނީ މި ހުރިހާ ކުޅުންތެރިންގެ މައްޗަށް."

ވެލާ ޓީމުގައ ހިމެނޭ ހުނަރުވެރި ކުޅުންތެރިންނާއި އެކު ނިކުމެ މުބާރާތުގައި ރަނގަޅު ފައިޓެއް ދެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ނިއްދޭ ބުންޏެވެ.

ޓީމާއި އެކު އައްޑޫއަށް ނާދެވުނު ނަމަވެސް ރިސޯޓުގެ މެނޭޖްމަންޓާއި ރިސޯޓުގެ އޯނަރު ޔިރީ ޝްމެކްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށާއި އެއީ ވެސް ޓީމަށް މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ލިބޭ ހިތްވަރެއް ގޮތުގައި ނިއްދޭ ފާހަގަކުރެއެވެ.

ތަޖުރިބާގެ އެޑްވާންޓޭޖާއި އެކު ޓީމުގައި ތިބި ކުޅުންތެރިންގެ ހުނަރު ދައްކާލަން ވެލާ ޕްރައިވެޓް ރިސޯޓުގެ ޓީމު މާދަމާ ރޭ އައްޑޫއަށް އަންނާނެއެވެ.

މުޅިން ވެސް ވެލާ ޕްރައިވެޓް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭ މި ޓީމުގެ ފުރަތަމަ މެޗްގައި ޖޫން މަހުގެ 5 ވަނަ ދުވަހުގެ ރޭ ނިކުންނާނީ ކްލަބް މަރަދޫ އާއި ދެކޮޅަށެވެ.