Last Updated: May 6, 21:20
Monday, May 6, 2024
ކުޅިވަރު

ހިތަދޫ ދެ ޓީމަށް ވެސް މިރޭގެ މެޗުން 3 ޕޮއިންޓް ވަރަށް މުހިއްމު

އެފްސީ ބޭރުމަތިގެ ޓީމް. ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް ސީގައި މިރޭ، އެފްސީ ބޭރުމަތި އާއި ސްކޫޕް ކަންމަތި ބައްދަލު ކުރާ މެޗަކީ އެތައް ގޮތަކުން ފޯރިގަދަ ވެގެންދާނެ މެޗެކެވެ.

އެގޮތުން މިރޭގެ މެޗަކީ މިފަހަރުގެ މުބާރާތުގައި ހިތަދޫ އަށް ނިސްބަތްވާ 2 ޓީމެއް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

އައްޑޫގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނަޅައި ދިއުމަށް ބޭރުމަތި އެފްސީއަށް އަދި ސްކޫޕް ކަންމަތި އަށް ވެސް މިރޭގެ މެޗްގެ ނަތީޖާ ވަރަށް މުހިއްމެވެ،

ގްރޫޕް ސީގައި ހިމެނޭ ޓީމުތަކަށް ބަލާއިރު ކުޅުނު 2 މެޗުން ހޯދި 3 ޕޮއިންޓާއި އެކު ގްރޫޕް ސީގެ އެއްވަނައިގައި އޮތީ ޔުނައިޓެޑް ފްރެންޑްސްއެވެ. ގްރޫޕްގެ 2 ވަނަ ލިބެނީ އެފްސީ ބޭރުމަތި އަށް ވުރެ އެއް މެޗް އިތުރަށް ކުޅެފައިވާ ޑީސީ ސްޕޯޓްސް ކްލަބަށެވެ. މިހާތަނަށް 2 މެޗް ކުޅެފައިވާ ޒިލޯން އަށް އަދި އެއް މެޗް ކުޅެފައިވާ ސްކޫޕް ކަންމަތީގެ ޓީމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިރޭގެ މެޗްގައި ސްކޫޕް ކޮޅަށް ގިނަ ލަނޑުތަކެއް ޖަހައިފި ނަމަ ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު އެފްސީ ބޭރުމަތި އަށް އޮންނާނެއެވެ. އަދި ހަމަ އެހެންމެ މުބާރާތުގައި މިހާތަނަށް ޕޮއިންޓެއް ލިބިފައި ނުވާ ސްކޫޕްގެ ޓީމަށް ވެސް މިރޭގެ މެޗް ކާމިޔާބުކޮށްގެން ގްރޫޕްގެ 2 ވަނަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ސްކޫޕް ކަންމަތި ސްޕޯޓްސް ކްލަބްގެ ޓީމް. މިރޭގެ މެޗުން 3 ޕޮއިންޓް ވަރަށް މުހިއްމު ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

މެޗްގެ ނަތީޖާ ނިކުންނަ ގޮތަކުން ސްކޫޕް ކަންމަތި އަށް ވެސް ގްރޫޕްގެ 2 ވަނަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.

މިރޭގެ މެޗުން ބަލިވާ ޓީމަކަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހަނިވެގެންދާއިރު ސްކޫޕް ކަންމަތި އަދި އެފްސީ ބޭރުމަތިން ވެސް ނިކުންނާނީ ސީދާ 3 ޕޮއިންޓް ހޯދުމަށެވެ.

އެފްސީ ބޭރުމަތި މުބާރާތަށް ނިކުމެފައި ވަނީ ތަށި ހޯދުމުގެ އަމާޒުގައެވެ. އެފްސީ ބޭރުމަތީގެ އަޒުމް ކިތަންމެ ވަރުގަދަ ވިޔަސް ކޮންމެ މެޗެއް ފައިނަލެއް ކަމުގައި ބަލައިގެން ކުޅޭ ސްކޫޕް ކަންމަތިން ވެސް ނިކުންނާނީ 3 ޕޮއިންޓް ހޯދުމަށެވެ.

އެފްސީ ބޭރުމަތި އަދި ސްކޫޕް ކަންމަތި ބައްދަލުކުރާ މެޗް ފަށާނީ މިރޭ 10:30 ގައެވެ.