Last Updated: May 3, 15:50
Friday, May 3, 2024
ޚަބަރު

ހަންނާގެ ހަ ލަނޑާ އެކު ޒެފިއާ އިން މާކިއުރީ ބަލިކޮށްފި

ވީބީ ގޯދިއްޔާ ފުޓްސަލް ކަޕް 2017 ގެ ގްރޫޕް ސްޓޭޖުގައި ޒެފިއާ މައްޓެ އާއި މާކިއުރީ ޔުނައިޓެޑު ބައްދަލުކުރި މެޗު 2-9 ގެ ބޮޑު ތަފާތުން ޒެފިއާ ކާމިޔާބުކޮށްފިއެވެ.

މެޗުގައި ޒެފިއާގެ ޒުވާން ފޯވާޑް ހަސަން ރާއިފް އަހުމަދު(ހަންނާ) ވަނީ ދެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ޒެފިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި އެޓީމު ވަނީ 6 ލަނޑު ޖަހާފައެވެ. މާކިއުރީއަށް އެ ހާފުގައި ޖެހިފައިވަނީ އެންމެ ލަނޑެކެވެ.

ފަހު ހާފުގައި ޒެފިއާއިން ތިން ލަނޑު ޖަހާފައިވާއިރު މާކިއުރީ ޔުނައިޓެޑަށް މިހާފުގައިވެސް ޖެހިފައިވަނީ އިތުރު އެންމެ ލަނޑެކެވެ. މެޗުގައި ހަންނާގެ އިތުރުން ޒެފިއާ އަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޖާޒީ ނަމްބަރު 17، އަހުމަދު އާލިމް ފަހުމީ އަދި 9، އިބްރާހިމް ސައީދު(އެޓޫ) އެވެ.

މާކިއުރީގެ ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ އަހުމަދު ޝިއާރާއި ޝަހުދާން ހަބީބެވެ.

މުބާރާތުގައި މާކިއުރީ ޔުނައިޓެޑު ކުޅުނު ތިން މެޗުން ވެސް ބަލިވެ އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ. ޒެފިއާ އިން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ލިބުނު 6 ޕޮއިންޓާއި އެކު އެ ޓީމުން ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމާއި ގާތަށް ޖެހިލާފައެވެ.