Last Updated: May 3, 17:51
Friday, May 3, 2024
ކުޅިވަރު

މަލްޓި ޖީނިއަސް އާއި އެފްސީ އަފިިރިން އެއްވަރު

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ހިތަދޫ މަލްޓި ޖީނިއަސް ސިޓީ އާއި މަރަދޫފޭދޫ އެފްސީ އަފިރިން ކުޅުނު މެޗް 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުޅުނު މި މެޗްގައި ފުރަތަމަ ލަނޑެއް ޖަހައި ލީޑް ނެގީ މަލްޓި ޖީނިއަސް ސިޓީ އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ، ޝަމްވީލް ޤާސިމް(ބޮންޑާ)އެވެ.

ބޮންޑާގެ ގޯލް ޖެހުމާއި އެކު އެފްސީ އަފިރިން އިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މަލްޓި ޖީނިއަސް ސިޓީގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެފްސީ އަފިރިންގެ މުއްދައްސިރް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި މެޗްގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމް އެެއްވަރުވެފައި އޮވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ 2 ވަނަ ހާފުގައި މަލްޓި ޖީނިއަސް ސިޓީއަށް އަނެއްކާވެސް ލީޑް ނަގައި ދިނީ ބޮންޑާއެވެ. އެ ގޯލަށް މާގިނަ އިރުތަކެއް ނުވެ އެފްސީ އަފިރިންގެ މުއްދައްސިރް ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ މަލްޓި ޖީނިއަސް ސިޓީގެ ބޮންޑާއެވެ.

މި ނަތީޖާ އާއި އެކު މަލްޓި ޖީނިއަސް ވަނީ ގްރޫޕްގެ 2 ވަނަ އަށް ޖެހިލާފައެވެ. މަލްޓި ޖީނިއަސް ސިޓީ އާއި އެފްސީ އަފިރިން އަށް ވެސް 4 ޕޮއިންޓް ލިބިފައިވާއިރު މަލްޓި ޖީނިއަސް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ދެޓީމުން ވެސް ވަނީ މުބާރާތުގައި މިހާތަނަށް 3 މެޗް ކުޅެފައެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ނިއު އެމްއެފްސީ އިން 2 މެޗް ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. މާދަމާ ރޭ ކްލަބް ވީއެޗާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ގްރޫޕްގެ 2 ވަނަ ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.