Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

ލޮނަ އެފްސީ ފްރެންޑްސް ކުލަބް ބަލިކޮށް ތާވަލު ފޯރި ގަދަކޮށްލައިފި

ވީބީ ގޯދިއްޔާ ފުޓްސަލް ކަޕްގެ ގްރޫޕް ސީ ގެ ލޮނަ އެފްސީ އާއި ފްރެންޑްސް ކުލަބް ބައްދަލު ކުރި މެޗު 2-5 އިން ލޮނަ އެފްސީ ކާމިޔާބުކޮށް ތާވަލު ފޯރިގަދަވެއްޖެ އެވެ.

ރޭ މި ގްރޫޕުގެ ޒެފިއާ މައްޓޭ މާކިއުރީ ޔުނައިޓެޑް ބަލިކޮށްފައިވާ އިރު މިރޭގެ މެޗަށް ފަހު ގްރޫޕުގެ ކުރީގައި އޮތް ތިން ޓީމަށް ވެސް ލިބިފައި ވަނީ ކުޅުނު ތިން މެޗުން 6 ޕޮއިންޓެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލޮނަ އެފްސީ އިން ދެ ލަނޑު ޖަހާފައިވާއިރު ފްރެންޑްސް ކުލަބު ވަނީ އެއް ލަނޑު އެހާފުގައި ޖަހާފައެވެ. ނަމަވެސް ލޮނަ އެފްސީ ވަނީ ދެވަނަ ހާފުގައި އިތުރު ތިން ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ފްރެންޑްސް ކުލަބަށް ފަހު ހާފުގައި ޖެހިފައިވަނީ އެންމެ ލަނޑެކެވެ.

ލޮނަ އެފްސީގެ ލަނޑުތައް ކާމިޔާބުކޮށްފައިވާ ކުޅުންތެރިންނަކީ އެޓީމުގެ ޖާޒީ ނަމްބަރު 11، މުހައްމަދު ލިޔާހު އަދި 7، އަބްދުﷲ ޝާފިއުއެވެ. މިރޭގެ މެޗުގައި ލިޔާހު 3 ލަނޑު ޖަހައި ހެޓްރިކް ހަދާފައިވާއިރު ޝާފިއު ވަނީ ދެ ލަނޑު ޖަހާފައެވެ.

ފްރެންޑްސް ކުލަބުގެ ދެ ލަނޑުވެސް ފެނިގެން ގޮސްފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 17، ރިހާމް އަބްދުލް ޣަނީގެ ފަރާތުންނެވެ.