Last Updated: May 3, 11:12
Friday, May 3, 2024
ޚަބަރު

ނިއު އެމްއެފްސީ އަށް ކުއާޓާގެ ފުރުސަތު ހަނިވެއްޖެ

ގޯދިއްޔާ ފުޓްސެލް މުބާރާތުގެ ގްރޫޕް ބީގައި މިރޭ ކުޅުނު މެޗްގައި ކްލަބް ވީއެޗް އަތުން ބަލިވެ ނިއު އެމްއެފްސީ އަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ހަނިވެއްޖެއެވެ.

މަރަދޫ ވެންބޮޅޮފިށި ކްލަބް ވީއެޗް އާއި ނިއު އެމްއެފްސީ ކުޅުނު މެޗް ވީއެޗުން ކާމިޔާބު ކުރީ 1-3 އިންނެވެ.

މި ނަތީޖާ އާއި އެކު މިރޭގެ މެޗަށް ނިކުތްއިރު ވެސް ކުއާޓާގެ ޖާގައެއް ކަށަވަރުވެފައި އޮތް ވީއެޗަށް ކުޅުނު 4 މެޗުން ލިބުނު 12 ޕޮއިންޓާއި އެކު ވަނީ ގްރޫޕްގެ 1 ވަނަ ލިބިފައެވެ.

މި ރޭގެ މެޗްގެ ފުރަތަމަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ހާފް ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. އެހެން ނަމަވެސް 2 ވަނަ ހާފު ފަށައިގެން ވީއެޗް އިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް 2 ލަނޑު ޖަހައި މެޗްގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލާފައެވެ.

މި މެޗްގައި ވީއެޗްގެ ގޯލުތައް ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަބްދުﷲ ޝައްފާން، އަހްމަދް ހަލީމް އަދި ހުސައިން ޝަރީފެވެ. ނިއު އެމްއެފްސީގެ ހަމައެކަނި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ވާފިރެވެ.

ނިއު އެމްއެފްސީއަށް 3 މެޗުން 3 ޕޮއިންޓް ލިބިފައިވާއިރު، ކުއާޓާގެ ޖާގައެއް ލިބެން އޮތީ ބުދަ ދުވަހުގެ ރޭ މަލްޓި ޖީނިއަސް ސިޓީ އަތުން މޮޅުވެފައި، އެފްސީ އަފިރިން އާއި އެފްއާރްޓީ ބައްދަލުކުރާ މެޗުން އެފްސީ އަފިރިން މޮޅު ނުވެއްޖެ ނަމައެވެ.

މި ގްރޫޕްގައި ހިމެނޭ އެހެން ޓީމުތަކަށް ބަލާއިރު މަލްޓި ޖީނިއަސް ސިޓީ އާއި އެފްސީ އަފިރިން އަށް ވަނީ 4 ޕޮއިންޓް ލިބިފައެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބެނީ މަަލްޓި ޖީނިއަސް ސިޓީއަށެވެ.