Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

ޒެފިއާ އިން ސައުތު ބްލޫސް ކޮޅަށް 10 ލަނޑު

ސައުތް ބްލޫސް އާއި ދެކޮޅަށް ނިކުތުމުގެ ކުރިން ޒެފިއާ ޓީމުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން. މި މެޗް ޒެފިއާއިން ކާމިޔާބު ކުރީ 0-10 އިން. ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުން ގްރޫޕް ޑީގެ މެޗްގައި ޒެފިއާ އިން ސައުތު ބްލޫސް ކޮޅަށް 10 ލަނޑު ޖަހައިފިއެވެ.

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުޅުނު މިމެޗު ޑޮމިނޭޓްކޮށް ޒެފިއާ އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މިރޭގެ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޒެފިއާގެ މުހައްމަދު ތިލްމީޒް(ބިއްޑޭ) ވަނީ 6 ގޯލް ޖަހާފައެވެ. މީގެ އިތުރުން އެ ޓީމުގެ ހަސަން ރާއިފް އާއި މުހައްމަދު އިންޝާލް، ކޮންމެ ކުޅުންތެރިޔަކު ވަނީ 2 ލަނޑު ޖަހާފައެވެ.

ޒެފިއާގެ ތިލްމީޒް މިރޭގެ މެޗްގައި ސައުތް ބްލޫސް ކޮޅަށް ލަނޑެއް ޖަހަނީ. މިރޭގެ މެޗްގައި އޭނާ ވަނީ 6 ލަނޑު ޖަހާފައި. ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

މިރޭ ޖެހި 2 ގޯލާއި އެކު ކްލަބް އީގަލްސް އަށް ކުޅެމުން އަންނަ ހަސަން ރާއިފް ވަނީ ލަނޑު ލިސްޓުގެ އެންމެ ކުރިއަށް ޖެހިލާފައެވެ.

މި ނަތީޖާ އާއި އެކު ޒެފިއާ އިން ވަނީ ކުޅުނު 4 މެޗުން ލިބުނު 9 ޕޮއިންޓާއި އެކު ގްރޫޕްގެ 1 ވަނަ އަށް ޖެހިލާފައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ފްރެންޑްސް ކަލަބް އަދި ލޮނަ އެފްސީ އަށް ވެސް 6 ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން 2 ވަނަ ލިބެނީ ފްރެންޑްސް ކްލަބަށެވެ. މި ދެޓީމަށް ވެސް ގްރޫޕް ސްޓޭޖްގައި ކުޅެންޖެހޭ 1 މެޗް އެބައޮތެެވެ.

ގްރޫޕް ޑީގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ، ޒެފިއާ އަށެވެ. 3 މެޗުން ލިބުނު 9 ޕޮއިންޓާއި އެކު އެ ޓީމުގެ ފައިދާ ގޯލުގެ އަދަދަކީ 14 އެވެ. ފްރެންޑް ކްލަބަށް ފާއިދާ 10 ގޯލް އަދި ލޮނަ އެފްސީ އަށް ފާއިދާ 6 ގޯލް އެބަ އޮތެވެ.

ޒެފިއާ އަށް ކުއާޓާގެ ޖާގައެއް ގެއްލޭނީ، ގްރޫޕްގެ ފަހު މެޗްތަކުގައި ލޮނަ އެފްސީ އަދި ފްރެންޑްސް ކްލަބުން ވެސް ތަފާތު ބޮޑު ނަތީޖާތަކަކުން މޮޅުވެއްޖެ ނަމައެވެ.

ލޮނަ އެފްސީގެ ފަހު މެޗްގައި އެ ޓީމް ނިކުންނާނީ 14 ވަނަ ދުވަހުގެ ރޭ މާކަރީ ޔުނައިޓެޑާއި ދެކޮޅަށެވެ. އަދި ފްރެންޑްސް ކްލަބުން އެ ޓީމުގެ ފަހު މެޗްގައި ސައުތް ބްލޫސް އާއި ދެކޮޅަށް ނިކުންނާނީ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭގައެވެ.