Last Updated: May 3, 11:12
Friday, May 3, 2024
ޚަބަރު

ޔުނައިޓެޑް ފްރެންޑްސް ބަލިކޮށް ބޭރުމަތި ގްރޫޕްގެ އެއް ވަނައަށް

އެފްސީ ބޭރުމަތި އާއި ޔުނައިޓެޑް ފްރެންޑްސް ކުޅުނު މެޗްގެ ތެރެއިން. މި މެޗް 0-2 އިން ކާމިޔާބުކުރީ އެފްސީ ބޭރުމަތި އިން. ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް ސީގައި މިރޭ ކުޅުނު މެޗްގައި ޔުނައިޓެޑް ފްރެންޑްސް ބަލިކޮށް އެފްސީ ބޭރުމަތިން ގްރޫޕްގެ އެއް ވަނަ ހޯދައިފިއެވެ.

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެފްސީ ބޭރުމަތިން ކާމިޔާބުކުރީ 0-2 އިންނެވެ.

މިރޭގެ މެޗްގައި އެފްސީ ބޭރުމަތީގެ ފުރަތަމަ ލަނޑު އަލީ ހާފިޒު ކާމިޔާބުކުރި އިރު ދެވަނަ ލަނޑު ކާމިޔާބުކޮށް ދިނީ ހަސަން މިފްރާހް (މިއްފާ) އެވެ.

މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، އެފްސީ ބޭރުމަތީގެ ޖާޒީ ނަންބަރު 8، އިބްރާހިމް އަސްވަދު އެވެ.

މި ނަތީޖާ އާއި އެކު އެފްސީ ބޭރުމަތި އަށް 4 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ 2 ވަނަ ހޯދި ޔުނައިޓެޑް ފްރެންޑްސް އަށް ވަނީ 9 ޕޮއިންޓް ލިބިފައެވެ.

ކުއާޓާ ފައިނަލުގައި އެފްސީ ބޭރުމަތި ބައްދަލުކުރަންޖެހޭނީ ގްރޫޕް އޭގެ 2 ވަނަ ހޯދާ ޓީމަކާއި އެވެ. އަދި ޔުނައިޓެޑް ފްރެންޑްސް ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭ ގެ 1 ވަނަ ޓީމާއި އެވެ.

ގްރޫޕް އޭ އިން ސެމީގެ ޖާގަ ހޯދާ ޓީމުތައް ކަށަވަރުވާނީ، ބުދަ ދުވަހުގެ ރޭގެ މެޗްތަކަށް ފަހުއެވެ.