Last Updated: May 3, 10:38
Friday, May 3, 2024
ކުޅިވަރު

މާކަރީ ކޮޅަށް 13 ލަނޑު ޖަހައި ލޮނަ އެފްސީ ކުއާޓާ ފައިނަލަށް

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް ޑީ ގައި މާކަރީ ޔުނައިޓެޑް ކޮޅަށް 13 ލަނޑު ޖަހައި ލޮނަ އެފްސީ އިން ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިރޭގެ މެޗްގައި ލޮނަ އެފްސީގެ ޔާމީން މުހައްމަދު އަދި މުހައްމަދު ސުޖަން ހެޓްރިކް ހެދިއިރު މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަކްރަމް އަބްދުލް ރަޝީދު ވަނީ 4 ލަނޑު ކާމިޔާބުކޮށްފައެވެ. ދެން އެޓީމަށް ގޯލްތައް ކާމިޔާބުކޮށްދިނީ، އިބްރާހިމް މުހައްމަދު، އަހްމަދް އަރްމީޝް އަދި ސަމާހް ރަޝީދެވެ.

މި ނަތީޖާ އާއި އެކު ލޮނަ އެފްސީ އިން ވަނީ 3 މެޗުން ލިބުނު 9 ޕޮއިންޓާއި ފައިދާ 19 ގޯލާއި އެކު ގްރޫޕްގެ އެއްވަނަ އަށް ޖެހިލާފައެވެ.

މި ގްރޫޕުން ދެން ކުއާޓާ އަށް ދާނެ ޓީމެއް ކަށަވަރު ވާނީ މާދަމާ ރޭ ފްރެންޑްސް ކްލަބާއި ސައުތް ބްލޫސް ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.

މިހާރު ގްރޫޕްގެ 2 ވަނައިގައި ޒެފިއާ އިން އޮތީ 9 ޕޮއިންޓާއި ފައިދާ 14 ގޯލާއި އެކުގައެވެ. ފްރެންޑްސް ކްލަބަށް 6 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ގޯލުގެ އަދަދަކީ 10 އެކެވެ.

އެހެން ކަމުން ކުއާޓާގެ ޖާގައެއް ހޯދުމަށް މާދަމާ ރޭ ފްރެންޑްސް ކްލަބުން ސައުތް ބްލޫސް އަތުން 5 ލަނޑުގެ ތަފާތަކުން މޮޅުވާން ޖެހޭނެއެވެ.