Last Updated: April 25, 09:23
Thursday, April 25, 2024
ޚަބަރު

ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި މަލްޓި ކުއާޓާ އަށް

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގައި މަލްޓި ޖީނިއަސް ސިޓީ އިން ކުއާޓާގެ ޖާގައެއް ހޯދައިިފިއެވެ.

މަލްޓި ޖީނިއަސް އިން ކުއާޓާގެ ޖާގައެއް ހޯދީ ގްރޫޕްގެ ފަހު މެޗްގައި ނިއު އެމްއެފްސީގެ މައްޗަށް 2-5 އިން ކުރި ހޯދައިގެންނެވެ.

މިރޭގެ މެޗްގައި މަލްޓި ޖީނިއަސް ސިޓީ އަށް ގޯލު ޖަހައިދިނީ އަލީ ހަސަން، އިބްރާހިމް އާޒިމް، މުހައްމަދު ޝުއާއު، ރުޝާން ހަސަން އަދި ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ.

ނިއު އެމްއެފްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދް ޝައިފް އާއި އަހްމަދް ޖައިބާޒް ސައީދެވެ.

ގްރޫޕް ބީގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ކުޅުނު 4 މެޗް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ އަށް ގޮސްފައިވަނީ ކްލަބް ވީއެޗެވެ.

ދެ ވަނަ ޓީމުގެ ގޮތުގައި މަލްޓި ޖީނިއަސް ކުއާޓާއަށް ގޮސްފައި ވަނީ، ޕޮއިންޓްގެ ގޮތުން އެފްސީ އަފިރިން އާއި އެއްވަރުވީ ނަމަވެސް ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ.

ކުއާޓާ ފައިނަލުގައި މަލްޓި ޖީނިއަސް އިން ބައްދަލުކުރާނީ ގްރޫޕް ޑީ ގެ އެއްވަނަ ހޯދާ ޓީމަކާއި އެވެ. އެ ޓީމެއް ކަށަވަރުވާނީ، މާދަމާ ރޭ ފްރެންޑްސް ކްލަބާއި ސައުތް ބްލޫސް ބައްދަލުކުރާ މެޗްގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.