Last Updated: April 20, 13:23
Saturday, April 20, 2024
ޚަބަރު

ލަނޑު ގޯންޏަކާ އެކު ފްރެންޑްސް ކުލަބަށް ކުއާޓާގެ ފަހު ޖާގަ

ވީބީ ގޯދިއްޔާ ފުޓްސަލް ކަޕް 2017 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފްރެންޑްސް ކުލަބާއި ސައުތް ބްލޫސް ބައްދަލުކުރި މެޗު 0-13 ގެ ބޮޑު ނަތީޖާއިން މެޗު ކާމިޔާބުކޮށް ފްރެންޑްސް ކުލަބު ކުއާޓާއަށް ދަތުރުކޮށްފި އެވެ.

ފްރެންޑްސް ކުލަބު ކުއާޓާއަށް ގޮސްފައިވަނީ ގްރޫޕުގެ ބާކީ އޮތް ލޮނަ އެފްސީއާއިި ޒެފިއާ މައްޓޭއަށްވެސް ޖުމުލަ 9 ޕޮއިންޓު ލިބި، ގޯލުގެ ތަފާތުންނެވެ. ގޯލުގެ ތަފާތުން ފްރެންޑްސް އެއްވަނަ ހޯދާފައިވާއިރު ދެވަނަ ލޮނަ އެފްސީއަށް ލިބިފައިވަނީ 19 ގޯލުގެ ތަފާތުންނެވެ. ޒެފިއާ ކަޓާފައިވަނީ ގޯލުގެ ތަފާތު 14 ގައި އޮވެގެންނެވެ.

މިރޭގެ މެޗުގައި ފްރެންޑްސް ކުލަބުގެ ލަނޑުތައް ޖަހާފައިވަނީ އަލީ ސިފާގް، މުހައްމަދު ރިފްއަތް، ރިހާމް އަބްދުލް ޣަނީގެ އިތުރުން އިބްރާހިމް މުބީން އަހުމަދު ރަޝީދެވެ. ފްރެންޑްސް ޖެހި 13 ލަނޑުގެ ތެރެއިން ރިފްއަތް ވަނީ 7 ލަނޑު ކާމިޔާބުކޮށްދީފައެވެ. މުބީންގެ ހެޓްރިކެއް ފެނިގެން ގޮސްފައިވާއިރު ސިފާގް ވަނީ ދެ ލަނޑު ޖަހާފައެވެ. ރިހާމްގެ ފަރާތުންވެސް އެއް ލަނޑު މިރޭގެ މެޗުގައި ފެނިގެން ގޮސްފައިވެއެވެ.

ސްކޫޕް ކަންމަތިއާއި ޒެލޯން ބައްދަލުކުރި މެޗު ސްކޫޕް ވަނީ 2-4 އިން ކާމިޔާބުކޮށްފައެވެ. އާލިފް ފަހުމީއާއި މުހައްމަދު ސައީދު، އިބްރާހިމް ޝާނީޒް އަދި ހޫދު ލަތީފު ވަނީ ސްކޫޕްގެ ލަނޑުތައް ކާމިޔާބުކޮށްދީފައެވެ. ޒެލޯންގެ ލަނޑުތައް ޖަހާފައިވަނީ މުހައްމަދު ހައިދަރާއި މޫސާ ޔާސިރެވެ.

މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައިވަނީ އެފްސީ ހަބޭސް، ޔުނައިޓެޑް ފްރެންޑްސް، ކުލަބު ވީއެޗް، ލޮނަ އެފްސީ، އެފްސީ ބޭރުމަތި، ކަޒިންސް އެފްސީ، ފްރެންޑްސް ކުލަބު އަދި މަލްޓީ ޖީނިއަސްއެވެ.