Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ލޮނަގެ ތަފާތަކީ ހިތްވަރު، ވީއެޗަށް އޮތް ފައިދާއަކީ އިތުބާރު

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ކުއާޓާގެ ޖާގައެއް ލޮނަ އެފްސީ އިން ހޯދީ އެ ޓީމުން މުބާރާތާއި ކުރިމަތިލަމުން ވެސް ބުނި ވާހަކަ އެއް ސާބިތުކޮށްދިނުމަށް ފަހުއެވެ. ލޮނަށް ވީތީ ތަފާތުވާނެ ކަން އެ ޓީމުން މިވަނީ ސާބިތުކޮށްދީފައެވެ.

ތަފާތަކަށް ދައްކާފައި މިވަނީ، އެ ޓީމުގެ ކުޅުންތެރިންގެ ހިތްވަރެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި ޒެފިއާ އަތުން ބަލިވި ނަމަވެސް، ހިތްވަރު އެލުވާނުލައި އެ ޓީމުން ވަނީ ދެން ކުޅުނު 3 މެޗް ކާމިޔާބުކޮށް ގްރޫޕްގެ 2 ވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގައެއް ހޯދާފައެވެ.

ލޮނަ އެފްސީ އާއި ދެކޮޅަށް ނިކުންނަ ކްލަބް ވީއެޗަކީ، ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއް ފަސޭހަކަމާއި އެކު ކާމިޔާބުކޮށްގެން ކުއާޓާ އަށް އައި ޓީމެކެވެ. އޭގެ ސަބަބުން ޓީމުގެ ކުޅުންތެރިންގެ އިތުބާރު ބޮޑުވެފައިވާއިރު، އެއީ މިރޭގެ މެޗްގައި ލޮނޮ އެފްސީ އާއި ދެކޮޅަށް ނިކުންނަ އިރު އޮތް އެޑްވާންޓޭޖެކެވެ.

ދެ ޓީމުގެ ކުޅުންތެރިނަށް ބަލާއިރު، ވީއެޗްގައި ހިމެނޭ ކުޅުންތެރިންނަކީ ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިން ހިމަނައިގެން އެކުލަވާލާފައިވާ ޓީމެކެވެ.

ފޭދޫ އަށް ނިސްބަތްވާ ލޮނަ އެފްސީގައި ވެސް ރަށުން ބޭރުން ގެނައި މޮޅު ކުޅުންތެރިން ހިމެނޭއިރު، ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިޔާހް ވެސް ކުޅެނީ އެޓީމަށެވެ. އޭނާ ވަނީ މުބާރާތުގައި މިހާތަނަށް 4 ލަނޑު ޖަހާފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ދެ ޓީމުން ވެސް ހޯދާފައިވާ ނަތީޖާތަކަށް ބަލާއިރު މިރޭގެ މި މެޗް ވަރަށް ފޯރިގަދަ ވާނެ ކަމަށް ބެލެވެއެވެ. މި މެޗް ވެގެންދާނީ ލޮނަ އެފްސީގެ ތަފާތު ކަމުގައިވާ "ހިތްވަރާއި" ކްލަބް ވީއެޗްގެ "އިތުބާރު" ގެ ކުރިމަތިލުމަކަށެވެ.

ލޮނަ އެފްސީ އާއި ކްލަބް ވީއެޗް ބައްދަލުކުރާ މެޗް ފަށާނީ، މިރޭ 10 ޖަހާއިރު އެވެ.