Last Updated: April 23, 11:52
Tuesday, April 23, 2024
ޚަބަރު

ފައިނަލުގެ ފުރަތަމަ ޖާގަ ހަބޭސް ހޯދައިފި

ވީބީ ގޯދިއްޔާ ފުޓްސަލް ކަޕް 2017 ގެ ފައިނަލްގެ ފުރަތަމަ ޖާގަ ހަބޭސް ހޯދައިފި އެވެ.

މިރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކުލަބް ވީއެޗްގެ މައްޗަށް ހަބޭސް ކުރި ހޯދާފައި ވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފަށައިގެން ފުރަތަމަކޮޅު ރަނގަޅަށް ކުޅެފައިވަނީ ކުލަބު ވީއެޗުންނެވެ. ނަމަވެސް ހަބޭސް ވަނީ ހުށިޔާރުކަމާއެކު ވީއެޗްގެ ހަމަލާތައް ދިފާޢުކޮށްފަ އެވެ.

ފުރަތަމަ ހާފުގެ 7 ވަނަ މިނެޓުގައި ހަބޭސް ޖާޒީ ނަމްބަރު 10 އިބްރާހިމް ހަމްދާން(މެސީ) ވަނީ އޭނާއަށް ލިބުނު ފުރަތަމަ ހުސް ފުރުސަތު ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

ގޯލަށްފަހު ހަބޭސް އިން ޑިފެންސުގައި ވަރުގަދަ ކޮށްފައިވާއިރު މެޗުގެ ބާކީ ބައި ކައުންޓާ އެޓޭކަށް ވިސްނާފައިވެއެވެ. ފުރަތަމަ ހާފު 0-1 އިން ހަބޭސް ކުރީގައި އޮވެ ނިންމާލާފައިވާއިރު ވީއެޗުން ވަނީ ދެވަނަ ހާފު ވަރުގަދަ ކޮށްފައެވެ. އެހެންނަމަވެސް ވީއެޗަށް ހަބޭސްގެ ގޯލު ފޫއަޅުވާލެވޭނެ ގޮތެއް ނުވިއެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ކީޕަރުންވެސް މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ޚާއްސަކޮށް ހަބޭސްގެ ގޯލު ކީޕަރުގެ ވީއެޗްގެ ގިނަ ހަމަލާތަކެއް ވަނީ މަތަކޮށްފައެވެ.

އެފްސީ ހަބޭސް މިރޭގެ މެޗަށް ނިކުތީ ފާއިތުވި ދެއަހަރުގެ ޗެމްޕިއަންގެ ގޮތުގައި މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމަށެވެ. އެގޮތުން ޓީމުން ވަނީ ރޭވުންތެރިކަމާއި އެކު ވާދަވެރި ވީއެޗް ބަލިކޮށްފައެވެ.