Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ފްރެންޑްސް ކުލަބް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ބޭރުމައްޗަށް

ގޯދިއްޔާ ފުޓްސަލް ކަޕް 2017ގެ މިއަހަރުގެ ފައިނަލުގެ ފަހު ޖާގަ ފްރެންޑްސް ކުލަބު ބަލިކޮށް އެފްސީ ބޭރުމަތި ހޯދައިފިއެވެ.

މިރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ބޭރުމަތި މެޗު ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ 10 މިނެޓު ދެޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެޓީމުންވެސް ވަނީ ފުލުފުލުގައި ގޯލަށް ނުރައްކާ ކުރަމުންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ޖަހާފައިވަނީ އެފްސީ ބޭރުމަތި ޓީމުގެ ޖާޒީ ނަމްބަރު 7، ހުސެން މިފްރާހް(މިއްފާ)އެވެ. މިއްފާ ގޯލު ކުރިމަތިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިފާއު ކުރުމަށް ފްރެންޑްސްގެ ގޯލު ކީޕަރު މަސައްކަތް ކުރިނަމަވެސް ބޯޅަ ވަނީ ކީޕަރަށް މަތަކުރެވުމުގެ ކުރިން ގޯލުގެ ތެރެއަށް ވަދެގެންގޮސްފައެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ފްރެންޑްސް ކުލަބުގެ ޖާޒީ ނަމްބަރު 7 އިބްރާހިމް މުބީން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާފައެވެ. މުއްކި ވަނީ މިމެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ނެތުމުން ފްރެންޑްސް ކުލަބަށް ވަނީ މުޅި މެޗުގައި އޭނާގެ މަގާމު ފޫބެއްދުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

މެޗުގެ ފުރަތަމަ ހާފު 0-1 އިން ބޭރުމަތި ކުރީގައި އޮވެ ނިމިގެން ގޮސްފައިވާއިރު ފްރެންޑްސް ކުލަބު ވަނީ ދެވަނަ ހާފުގައި ކުޅުން އިތުރަށް ރަނގަޅު ކޮށްފައެވެ. ނަމަވެސް ބޭރުމަތި ވަނީ ޑިފެންސު ވަރުގަދަ ކޮށް ކައުންޓާ އެޓޭކުގައި ކުޅުމަށް ވިސްނާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ދެވަނަ ލަނޑު 26 ވަނަ މިނެޓުގައި ބޭރުމަތި ޓީމުން ވަނީ ޖަހައި ލީޑު ފުޅާކޮށްފައެވެ.

މި ލަނޑު ޖަހާފައިވަނީ ބޭރުމަތި ޓީމުގެ ޖާޒީ ނަމްބަރު 8، އިބްރާހިމް އަސްވަދު(ގަބޭ) އެވެ. މި ލަނޑަކީ ބޭރުމަތި ޓީމުގެ ގަބޭ އަދި އަލީ ހާފިޒް، ދެކުޅުންތެރިންގެ ބައިވެރިވުމާއެކު ފެނިގެން ގޮސްފައިވާ ލަނޑެކެވެ.

މެޗުގެ ފަހު ގޯލު މެޗު ނިމެން ކައިރިވެފައިވަނިކޮށް ކާމިޔާބުކޮށްފައިވަނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ ބޭރުމަތި ޓީމުގެ ޖާޒީ ނަމްބަރު 9، އަލީ ހާފިޒްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ ބޭރުމަތި ޓީމުގެ ޖާޒީ ނަމްބަރު 9، އަލީ ހާފިޒްއެވެ.

މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ދެ މުބާރާތުގެ ތަށި އުފުލާލި ހަބޭސް ހޯދާފައިވަނީ ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނޭ ވީއެޗް 1-0 ލަނޑުން ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ ފައިނަލަށް ހަބޭސް ދަތުރުކުރީވެސް ވީއެޗް ބަލިކުރުމަށް ފަހުއެވެ.