Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ވީބީ ގޯދިއްޔާ ފައިނަލް: ހަބޭހާއި ބޭރުމަތީގެ ކުރިމަތިލުމެއް، ކިހިނެއް ވާނެ؟

އައްޑޫގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ދުވަސްވީ ފުޓްސަލް މުބާރާތް "ވީބީ ގޯދިއްޔާ ފުޓްސަލް ކަޕް"ގެ ފައިނަލް މެޗް މިރޭ މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި ކުޅޭއިރު މިއީ ހުރިހާ ގޮތަކުންވެސް ވަރަށް ތާރީހީ މެޗެކެވެ.

މުބާރާތުގެ އެއްކޮޅުން ފައިނަލުން ޖާގަ ހޯދާފައި މިވަނީ ފާއިތުވި ދެ މުބާރާތުގެވެސް ތަށި އުފުލާލި ފޭދޫ ހަބޭސްއެވެ. އެޓީމް މިރޭގެ މެޗަށް ނިކުންނަނީ ތަށި މިލްކު ކުރުމުގެ އަޒުމުގައެވެ. މުބާރާތަށް އެންމެ ބޮޑު ހޭދައެެއް ކޮށް ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިން ތިބި ވީއެޗް ސެމީ ފައިނަލްގައި ބަލިކޮށްފައި ވުމަކީ ހަބޭސްއަށް އޮތް އިތުބާރެކެވެ. އެޓީމް ވީއެޗް ބަލިކުރިއިރު ވީއެޗްގެ ކޯޗަކީ ފާއިތުވި ދެ އަހަރު ހަބޭސްއަށް ތަށި އުފުލާލަދިނުމުގައި އިރުޝާދު ދިން ކޯޗު އަހުމަދު ޝަރީފް (ޑުންގާ)އެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ހަބޭސް ބަލިވެފައިނެތެވެ، ޓީމްގެ ކުޅުންތެރިންގެ ތެރޭގައި މޮޅުވުމުގެ ރޫހް އެބައޮތެވެ. ޓީމާއި ސަޕޯޓަރުން ތިބީ އެންމެން އެކީ ނިކުމެ ތަށި މިލްކު ކުރާށެވެ.

އެފްސީ ބޭރުމަތިގެ ޓީމް. ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

ހަބޭސް އާއި ދެކޮޅަށް މިރޭ ނިކުންނަ އެފްސީ ބޭރުމަތި އަކީ މި މުބާރާތުގެ ފައިނަލަށް އާޓީމެކެވެ. ނަމަވެސް އެޓީމްގެ ކޯޗާއިި އިތުބާރު ކުޅުންތެރިއާ ހަސަން މިފްރާހް (މިއްފާ) އަކީ މި މުބާރާތުގެ ތަށި 2014 ވަނަ އަހަރު އުފުލާލި ދެމީހުންނެވެ. ކޯޗު ނަސަމާގެ އިރުޝާދުގެ ދަށުން އެފްސީ ރެސްޕެކްޓް 2014 ވަނަ އަހަރު ގޯދިއްޔާ ތަށި އުފުލާލި އިރު އެޓީމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ މިއްފާއެވެ. މިމުބާރާތުގައި އަދި މިހާތަނަށް މިއްފާ ވަނީ ރަނގަޅު ކުޅުމެއް ކުޅެ 7 ގޯލު ޖަާފައެވެ.

އެފްސީ ބޭރުމަތި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި މިވަނީ ގިނަ ބަޔަކު ހައިރާން ކޮށްލާފަދަ ހުނަރުވެރި މޮޅު ކުޅުމަކާއި އެކުއެވެ. އެޓީމްގައި ތިބީ މުޅިންވެސް އަވަސް ކުޅުމެއް ކުޅޭ ހުނަރުވެރި ކުޅުންތެރިންނެވެ. ހާއްސަކޮށް އެޓީމްގެ އިބްރާހިމް ސިނާހް، އިބްރާހިމް އަސްވަދު، އަހުމަދު ނާޝިދު (ނައްޓޭ) އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ. ސެމީ ފައިނަލްގައި ވަރުގަދަ ފްރެންޑްސް ކްލަބް ބަލިކުރީ ހީކުރި ގޮތާއި ހިލާފަށް 3-0 ނަތީޖާއަކުންނެވެ. އެމެޗްގެ ކުޅުމަށް ބަލާއިރު މިރޭގެ ފައިނަލް މެޗް އެފްސީ ހަބޭސްއަށް ފަސޭހަ ނުވާނެއެވެ. ބޭރުމަތި ޓީމްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ތިބީ ހަބޭސް ބަލިކޮށް މުބާރާތުގެ ތާރީހްގެ ތެރެއިން ޖާގައެއް ހޯދުމުގެ އަޒުމުގައެވެ.

ހަބޭސް އާއި އެފްސީ ބޭރުމަތި މިރޭ 10 ޖަހާއިރު ފައިނަލް މެޗަށް ނިކުންނައިރު މި މެޗް ޔޭސް ޓީވީން ވަގުތުން ދުރަށް ދައްކާނެއެވެ.