Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

25 ބުރީގެ އިމާރާތަކީ ލުނބޯ އޮށަކުން ވީ ކަމެއް ނޫން: ރައީސް

ރައީސް އަބްދުﷲ ޔާމީން، ފޮޓޯ: ރޮއިޓާސް

25 ބުރީގެ އިމާރާތަކީ ލުނބޯ އޮށަކުން ވީ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރ.މަޑުއްވަރީގެ ނަރުދަމާގެ ހިދުމަތް ފެށުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވަން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

25 ބުރީގެ އިމާރާތުގެ ވާހަކަ ރައީސް ޔާމީން ވިދާޅުވީ އައިޖީއެމްއެޗްގެ އާ އިމާރާތުގެ މިސާލު ޖައްސަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެއީ ވިސްނުންތަކަކާއި މަސައްކަތްތަކާ އެކު މި ސަރުކާރުން ކުރި ކަމެއް ކަމަށާއި އެފަދަ ވާހަކަތައް ދައްކަން ސިޔާސީ ފަރާތްތަކަށް އުނދަގޫވާނެ ކަމަށެވެ.

"25 ބުރީގެ އިމާރާތެއް ތަނެއްގައި ހަދާކަމަށް ވަންޏާ އެއީ އޭގެ ޒާތުގައި ލުނބޯ އޮށަކުން ފަޅާ އިމާރާތެއް ނޫން ދެއްތޯ؟ އެއީ މަޝްރޫޢު ތަކަކާއި ޕްލޭންތަކަކާ ހިމެނިގެން އޭގެ ނަތީޖާ ހޯދަން ކުރެވޭ މަސައްކަތް." ރައީސް ޔާމީން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ ހޯދައިދިނުމުގެ ވިސްނުމެއް އަދި އެ ކަންކަން ކުރުމުގެ ވައްޓަފާޅިއެއް ވެސް އިދިކޮޅު ފަރާތްތަކުގައި ނެތް ކަމަށެވެ.

އަދި އެ މަނިކުފާނުގެ ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި ވިދާޅުވީ ރައްޔިތުންނަށް ކަންކަން ހާސިލްކޮށްދެވޭނީ ވިސްނުންތަކަކާއި އަމާޒުތަކެއް ކަނޑައަޅައިގެން ކަމަށެވެ.