Last Updated: April 20, 17:52
Saturday, April 20, 2024
ކޮލަމް

އަސްތާ! އައިޓީ ޕާކް ވައުދު ނުފުއްދި، 4 އަހަރު، ދެން އަތް ޖަހާ!

* އައިޓީ ޕާކުގެ ވައުދުވީ 5 ނޮވެމްބަރ 2013 ގައި.
* އޭގެ ފަހުން މިހާތަނަށް ރައީސް ޔާމީން އައިޓީ ޕާކްގެ ވާހަކަ ނުދައްކަވާ.
* ފާއިތުވި 4 އަހަރު ވެސް ބަޖެޓުގައި ނުހިމަނާ.

ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އަދި ޚުދު ރައީސް ޔާމީން ވެސް އައިޓީ ޕާކުގެ ވާހަކައެއް ނުދައްކަވައެވެ. ރައްޔިތުންނަށް ތަރައްޤީ ނުފެންނާތީ އެމީހުންގެ ލޮލަށް ގޮވަމުން ގެންދަވާ މެންބަރުން ވެސް މެއެވެ. އަދި ތަސްބީހައެއް ހެން "ޝުކުރިއްޔާ ރައީސް ޔާމީން" ގޮވަމުންދާ ކޯޑިނޭޓަރުންނާއި އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިބި މީހުން ވެސް އައިޓީ ޕާކޭ ވެސް ނުކިޔައެވެ.

ހިތަދޫގައި ދާދިފަހުން ރައްޔިތުންނަށް ތަރައްޤީ "ދައްކަން" ބޭއްވި އެއްވުމުގައި ވެސް އައިޓީ ޕާކުގެ ވާހަކައެއް ނުދައްކަވައެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުން ފާއިތުވި 4 އަހަރަށް ފާސްކުރި ބަޖެޓު ތަކުގައި ވެސް އައިޓީ ޕާކު ތަރައްޤީ ކުރުމަށް ފައިސާ ހިމަނާފައެއް ނުވެއެވެ. 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވެސް ހިމެނި ކަމެއް ނޭނގެއެވެ.

އައިޓީ ޕާކުގެ ވައުދުވެވަޑައިގެންނެވި ފަހުން ފާއިތުވި 1464 ދުވަހުގެ ތެރޭގައި ރައީސް ޔާމީންގެ އެއްވެސް ވާހަކަފުޅެއްގައި، "އައިޓީ ޕާކް"ގެ ނަމެއް ވެސް ވިދާޅެއް ނުވެއެވެ. ރައީސް ޔާމީން އެކަންޏެއް ނޫނެވެ. ސަރުކާރުގެ ވަޒީރަކު ވެސް މެއެވެ.

2013 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހު ހިތަދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރެއްގައި ޒުވާނުންނަށް ހާއްސަކޮށްގެން އައްޑޫގައި އައިޓީ ޕާކެއް ތަރައްޤީ ކުރައްވާނެކަމަށެވެ. އަދި އެކަމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމުގައި ވެސް އޭރު ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

އައިޓީ ޕާކުގެ ވައުދުވެވަޑައިގެންނެވި ފަހުން ފާއިތުވި 1464 ދުވަހުގެ ތެރޭގައި ރައީސް ޔާމީންގެ އެއްވެސް ވާހަކަފުޅެއްގައި، "އައިޓީ ޕާކް"ގެ ނަމެއް ވެސް ވިދާޅެއް ނުވެއެވެ. ރައީސް ޔާމީން އެކަންޏެއް ނޫނެވެ. ސަރުކާރުގެ ވަޒީރަކު ވެސް މެއެވެ.

"މިއީ ފަސޭހަކަމާ އެކު ކުރެވޭނެ ކަމެއް. އައިޓީގެ މަސައްކަތް ކުރުމަށް ސޮފްޓްވެއާ ތައްޔާރު ކުރުމަށް. އެއީ މިހާރު ވެސް އަމިއްލަ ފަރުދުން ވެސް ރިސޯޓްތަކަށް ބޭނުންވާ ސޮފްޓްވެއާ އެބަ ތައްޔާރު ކުރޭ. އޭގެ ބެލެންސްޝީޓްގެ ހުންނަ މައުލޫމާތުތައް ދަސްކުރުމާއި އިންވެންޓްރީގަ މުދާ ހުސްވަމުންދާ މިންވަރު ދެނެގަތުމާ އާވެ ނުވަތަ ބާވެ ގިނަ ދުވަސްވަމުންދާ ފަސޭހަކަމާ އެކީގަ ލެޕްޓޮޕްގެ ސްކްރީނަކުން ފެންނާނެ ކަހަލަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމާ މިކަހަލަ ވަރަށް ގިނަ ތަފާތު މަސައްކަތްތައް އެބަ ކުރައްވާ، އެހެންވީމާ މި މަސައްކަތަކީ އައިޓީ ޕާކެއް އުފައްދައިގެން އައްޑޫގައި ރަސްމީކޮށް ކުރެވިދާނެ މަސައްކަތެއް. މިއީކީ ހަރަދުތަކެއް ހިނގާނެ މަސައްކަތެއް ވެސް ނޫން " 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި، ޔާމީން ވިދާޅުވެފައިވެއެވެ.

ޒުވާނުންނަކީ އެންމެ އަގު ބޮޑު "ރައުސްމާލު" ކަމުގައި އަބަދުވެސް ވިދާޅުވަމުން ގެންދަވާ ރައީސެއްގެ ވެރިކަމުގެ ދައުރު ނިމެންދާއިރު، ޒުވާނުންނަށް ވެވަޑައިގެންނެވި ވައުދެއް ނުފުއްދި އޮތުމަކީ އެ ޒުވާނުންގެ ކަންބޮޑުވުމެކެވެ.

ސަރުކާރު ޕްރޮމޯޓް ކުރުމަށް ރެޔާއި ދުވާލު "އަމައްޔާއި" ވެގެން ނުވަތަ "އައްދޯއި" ވެގެން ބަޔަކު އުޅުނަސް އިންތިހާބުތަކުގައި ސަރުކާރަށް ނާކާމިޔާބު ވަމުން ދަނީ މިފަދަ ހުސް ވައުދުތަކުގެ ސަބަބުންނެވެ. ވައުދުތައް ނުފުއްދައި ކޮންމެ އިންތިހާބަކާއި ދިމާކޮށް އިތުރު ވައުދުތަކެއް ވެވަޑައިގެން އިތުރު ހުވަފެންތަކެއް ދެއްކެވުމަކުން ޒުވާނުންގެ ތާއީދު ލިބޭނެ ކަމަށް ހީކުރުމަކީ ކުށް ހީ އެކެވެ.