Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

އެކްސިޑެންޓްވެ މީހަކު މަރުވުމާ އެކު މަޝްވަރާ އަށް!

ލިންކް ރޯޑް ކުނިކޮށްޓާއި ދިމާލުން ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަމްޝް ވަނީ ނިޔާވެފައި.
ލިންކު ރޯޑުގައި 10 މާޗް 2018 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް، ފޮޓޯ: އިބްރާހިމް އަބްދުﷲ

އައްޑޫ ލިންކު ރޯޑު ނުވަތަ "މަރުގެ މަގު"ގައި ނުރައްކާތެރި އެކްސިޑެންޓް ހިނގުން އާއްމުވެފައިވާ އިރު މިކަން ހައްލު ކުރުމަށް ކުރެވުނީ ކޮން މަސައްކަތެއް ހެއްޔެވެ؟ އެޅުނީ ކޮން ހަރުދަނާ ފިޔަވަޅެއް ހެއްޔެވެ؟

2001 ވަނަ އަހަރު ލިންކު ރޯޑު ތާރު އަޅައި ދޫކޮށްލުމާއި އެކު ދުއްވާ އެއްޗެހީގެ ދުވެލި ބާރުވެ، އެކްސިޑެންޓްތައް އިތުރުވިއެވެ. އެގޮތުން އެފަދަ ނުރައްކާތެރި އެކްސިޑެންޓްތަކުގައި އެތައް ފުރާނައެއް އަޅުގަނޑުމެންނާްއި ވަކިވެގެން ގޮސްފިއެވެ.

ފާއިތުވި 18 އަހަރުގައި ލިންކު ރޯޑު އެކްސިޑެންޓްތަކުގައި މަރުވި މީހުންގެ އަދަދު 50 އަށް ވުރެ ގިނައެވެ. އެކްސިޑެންޓްތަކުގެ އަސްލު ރިކޯޑު ހޯދުމަށް އެތައް މަސައްކަތެއް ކޮށްގެންވެސް ސައްހަ ރިޕޯޓެއް ނުލިބެއެވެ. ފުލުހުންނާއި ހޮސްޕިޓަލްގައި ހުރި ރިކޯޑުތައް ތަފާތެވެ.

ލިންކު ރޯޑު ހަދައި ބޭނުން ކުރަން ފެށިފަހުން މިވީ މުއްދަތުގައި މަގު މަރާމާތުކޮށް، މަގު ރައްކާތެރި ތަނަކަށް ހަދަން ކަމާއި ބެހޭ އެއްވެސް އިދާރާއަކުން އެކަށީގެންވާ މަަސައްކަތެއް ނުކުރެއެވެ. މިއަދު މަގު ބަލަހައްޓަން ހަވާލުވެ އޮތީ ހައުސިން މިނިސްޓްރީއެވެ. ނަމަވެސް ލިންކު ރޯޑުގައި ބޮޑެތި ވަޅުގަނޑުތައް ހެދި، މަގުގެ އަރިމަތީގައިވާ ރުއްގަހުގެ އުނދަގޫ މަގު ބޭނުން ކުަރާ ފަރާތްތަކަށް ކުރިމަތިވިޔަސް އެކަމަށް ފަރުވާލެއް ނެތެވެ.

މަގުމަތީގައި ދުއްވާ އެއްޗެހި ގާނޫނާއި ގަވާއިދާއި އެއްގޮތަށް ދުއްވާތޯ ބަލައި، ފިޔަވަޅު އަޅަނީ ގާނޫނީ ގޮތުން ފުލުހުންނެވެ. ފުލުހުންގެ ފަރާތުން ދޭތެރެ ދޭތެރެއިން ބާއްވާ ޓްރެފިކް އޮފަރޭޝަންގެ އަސްލު މަގްސަދަކީ ފައިސާ ހޯދުން އެކަނި ކަމަށް މިވަނީ ވެފައެވެ.

އޮޕަރޭޝަންސް ތަކަކީ ހަމައެކަނި ޖުރިމަނާކޮށްލުމަށް ބާއްވާ ކަމަކަށް މިވަނީ ވެފައެވެ. އިތުރު ޒިއްމާއެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ލިންކު ރޯޑުގައި ހިނގާފައިވާ ބޮޑެތި އެކްސިޑެންޓްތައް ތަހްގީގުކޮށް، އިތުރަށް ތަހްގީގު ކުރުމަށް ފުލުހުން މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ނަމަވެސް އެކުރެވު ތަހްގީގަކުން އެކަމަށް ހައްލު ގެނައުމަށް ކުރެވުނު މަސައްކަތެއް ނުފެނެއެވެ. އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައިވާ ތަނެއް ނުފެނެއެވެ.

މަގުމަތީގެ އެކްސިޑެންޓްތަކަކީ ދުނިޔޭ އެހެނިހެން ގައުމުތަކުގައިވެސް ބޮޑު މައްސަލައެކެވެ. އެކަންކަން ހައްލު ކުރުމަށް އެކްސިޑެންޓްތަކުގެ ތަހްގީގު ރިޕޯޓްތަކަކީ މުހިއްމު ރިޕޯޓްތަކެކެވެ. އެއާއި އެކު އެރިޕޯޓްތަކުގެ އަލީގައި އެކަން ހުއްޓުވުމަށް ނުވަތަ މަދު ކުރުމަށް ގައުމީ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި މަަސައްކަތް ކުރެއެވެ.

އައްޑޫ ލިންކު ރޯޑުގައި އެކްސިޑެންޓް ހިނގައި އެތައް ބަޔަކު މަރުވެގެންދާއިރު އަދިވެސް މި ތިބެނީ ލޯ މަރާލައިގެންނެވެ. މިއަދު ލިންކު ރޯޑު މިހެން ބަލަހައްޓައިގެން ތިއްބާ މިވަނީ ރޭސިން ޓްރެކަކަށް ބަދަލުވެފައެވެ. އެއް ބަޔަކަށް ރޭސިން ޓްރެކަކަށް މަގު ވެފައިވާ އިރު އަނެއް ބަޔަކަށް ލިންކު ރޯޑަކީ ކަސްރަތަށް ހިނގާލުމަށް އޮތް ހިނގާ ޓްރެކެކެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިހިސާބަށް ބަލާލިއަސް ނުރައްކާތެރި އެކްސިޑެންޓްގައި ދެމީހަކު މިވަނީ ނިޔާވެފައެވެ. މި ދެ އެކްސިޑެންޓަކީ މަގުގައި މިފަހަކަށް އައިސް ހިނގި އެންމެ ނުރައްކާތެރި ދެ އެކްސިޑެންޓެވެ.

އެކްސިޑެންޓް މަދު ކުރުމަށާއި އެކަން ހުއްޓުވުމަށް، ދައުލަތުގެ އެކި މުވައްސަސާތަކުން ހިމޭނުން ތިބެފައި، ދެން މިހާރު އަޑު އިވެނީ މަޝްވަރާ ކުރަން ފެށި ވާހަކައެވެ. ޓްރާންސްޕޯޓް އޮތޯރިޓީން މިހާރު ބުނެފައިވަނީ މިކަމަކީ "ހުސް ވާހަކަ"އެއް ކަމަށް ނަހަދާނެކަމަށެވެ.

ފުލުހުންގެ ފަރާތުން މިކަމާއި ބެހޭ ގޮތުން ބައްދަލު ކުރަން ދިއުމުން ބައްދަލު ކުރީ "ނުރަސްމީ ކޮށެވެ." ފުލުހުންގެ ޖަވާބަކީ މިކަމަށް މީޑިއާގެ ދައުރު ބޮޑު ކަމަށެވެ.

އެހެންކަމުން އައްޑޫ ލިންކު ރޯޑުގައި އެކްސިޑެންޓްވެ މީހުން މަރުވުމަކީ "ނުރަސްމީ" ކަމެކެވެ. އަދި އެކަމަކީ "ހުސް ވާހަކަ" އަކަށް މިވަނީ ވެފައެވެ.