Last Updated: April 20, 08:59
Saturday, April 20, 2024
ޚަބަރު ޝަރުއީ ދާއިރާ

130 ކިލޯ ޑްރަގްސްގެ މައްސަލައިގެ އަޑުއެހުން އާދީއްތު ދުވަހު

ކަންނެލި ދޯނިން ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

އެ މައްސަލައިގައި ދައުލަތުން ވަނީ ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފަ އެވެ. ރާއްޖެއަށް މި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރާ ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހީމްގެ މައްޗަށް އުފުލީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް އެ ދައުވާތައް ސާބިތުވެއްޖެނަމަ ކޮންމެ ދައުވާއެއްގެ ހުކުމަކީ 25 އަހަރަށް ޖަލަށްލުމާއި އެއް ލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރާނެ އެވެ. އަދި އެތިން ދައުވާ ވެސް ސާބިތުވެއްޖެނަމަ 75 އަހަރުގެ ޖަލު ހުކުމެއް ވެސް އަންނާނެ އެވެ.

ދެން އެ މައްސަލައިގައި ދައުވާ ކުރަނީ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ފުލުހުން ތުހުމަތުކުރާ ހއ. ހޯރަފުށީ ވައިޓްވިލާ އަހްމަދު މޫސާގެ މައްޗަށެވެ. އޭނާގެ މައްޗަށް ވެސް ކުރަނީ ތިން ދައުވާ އެކެވެ.

އޭގެ އިތުރުން އެ ދޯނިން ހައްޔަރުކުރި ބަންގްލަދޭޝްގެ ދެ މީހުންގެ މައްޗަށް ވެސް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ. އޭގެ ތެރެއިން އެކަކުގެ މައްޗަށް ތިން ދައުވާއެއް އަދި އަނެއް މީހާގެ މައްޗަށް އުފުލާފައި ވަނީ ފަސް ދައުވާ އެކެވެ.

ޕީޖީ އޮފީހުން އެ މައްސަލައިގައި ހައްޔަރުކުރި ގއ. ވިލނގިލީ ދުންފިނިގޭ އަޞީލް މާހިރާއި ޅ. ހިންނަވަރު ސެލް، އަނަސް ޙުސައިންގެ މައްޗަށް ކުރަނީ ހަތަރު ދައުވާ އެކެވެ. އަދި ކުޑަކުދިންތަކެއްގެ މައްޗަށް ވެސް ދައުވާކުރަން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވެ އެވެ.

އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފައިވާ އިރު، ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.