Last Updated: May 4, 18:12
Saturday, May 4, 2024
ޚަބަރު

އެޗްޕީއޭގެ އުސޫލަށް އިންތިހާބު ބޭއްވިދާނެކަމަށް ގަބޫލެއް ނުކުރަން: ޝަރީފު

ކޮވިޑުގެ ބަލި މަޑުކަމުގެ ތެރޭގައި ލޯކަލް ކައުންސިލް ބޭއްވުމަށް ގިނަ ގޮންޖެހުން ހުރި ކަމަށާއި، އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ލޯކަލް ކައުންސިލް ބޭއްވިދާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން ރޭ ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ އެޗްޕީއޭގެ އުސޫލަށް އިންތިހާބު ބާއްވާ ނަމަ އިންތިހާބަށް ދާ ހަރަދު ދެ ގުނައަށް އިތުރުވެގެންދާނެކަމަށެވެ.

ޝަރީފު ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގޮތަށް އިންތިހާބު ބާއްވާ ނަމަ މިހާރު އޮތް ގޮތުން ހުރިހާ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ޖެހެއެވެ. އަދި ކަރަންޓީނު ފެސިލިޓީ ތަކާއި ޕޮޒިޓިވްވެފައި ތިބޭ މީހުންނަށް ވަކިން ވޯޓު ލެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ބޮޑު ހަރަދެެއް ހިނގާނެ ކަމެއް ކަމަށެވެ.

"އެންމެ ފަހުން މި ހުށަހެޅި ގައިޑްލައިންގައި އެބައޮތް ޕޮޒިޓިވް ވެފައި ތިބޭ މީހުންނާއި ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުންނަށް ޓްރާންސްޕޮޓޭޝަންގެ އިންތިޒާމްތައް ވެސް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިދޭން ޖެހޭނެއޭ. އަޅުގަނޑުމެންނަށް ހަމައެކަނި އެމީހުން އަތުވެއްޖެއްޔާ ވޯޓުލުމުގެ ފުރުސަތު ތަނަވަސްކޮށްދެވޭނީ" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަނަށް އޮތް ނަމަ މި ބަލި މަޑުކަމުގެ ތެރޭގައި ވޯޓުލުން ނުބާއްވާނެ ކަމަށެވެ.

ޝަރީފި ވިދާޅުވީ ޕޮޒިޓިވްވެފައިވާ މީހުންނާއި ޕްރައިމަރީ، އަދި ސެކަންޑަރީ ކޮންޓެކްޓުންނަށްވެސް ވޯޓު ލެވެން ޖެހޭނެކަމަށާއި އެއިން އެއްވެސް ފަރާތެއްގެ ވޯޓު ލުމުގެ ހައްގު އިލެކްޝަނަކަށް ނިގުޅައި ނުގަނެވޭނެކަމަށެވެ. އެކަމަކު އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތަށް ވޯޓު ފޮށި އިތުރު ކުރުމަކީވެސް ކުރެވޭނެ ކަމެެއް ނޫން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިރު އިންތިހާބަށް 95 މިލިއަން ރުފިޔާ ހަރަދު ވާނެކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ކޮވިޑުގެ ބަލި މަޑުކަމާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކުރުމާއި ގުޅިގެން އިންތިހާބު ބޭއްވުން ވަނީ ފަސް ކުރެވިފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ ގޮތަށް ގާނޫނަށް އިސްލާހު ހުށަަޅައި ފާސްކޮށްފައެވެ.