Last Updated: April 20, 17:32
Saturday, April 20, 2024
ޚަބަރު ރައީސް ނަޝީދު

އަވަހަށް ވެކްސިންޖަހާ ކޮވިޑް ކޮންޓްރޯލް ކުރުން ބޭނުންތެރި: ރައީސް ނަޝީދު

ފޮޓޯ: ރައީސް އޮފީސް

އަވަހަށް ވެކްސިންޖަހާ ކޮވިޑް-19 ކޮންޓްރޯލް ކުރުން ބޭނުންތެރިކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އަނެއްކާ ސްކޫލްތައް ބަންދުކޮށް ބޯޑަރު ބަންދުކުރުމަކީ އެންމެ ބުއްދިވެރިގޮތެއް ނޫންކަމަށެވެ. އަދި އަވަހަށް ވެކްސިންޖަހާ ބަލި ކޮންޓްރޯލް ކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

"މިއީ އެޗްޕީއޭ އާއި ހެލްތް މިނިސްޓްރީން އިތުރު އިޖުރާއަތު އުފައްދަންވީ ވަގުތެއް ނޫން. ބުއްދި ބަހައްޓަވާ." ރައީސް ނަޝީދުގެ ޓްވީޓްގައިވެއެވެ.

ރައީސް ނަޝީދު މިފަދައިން ޓްވީޓްކުރައްވާފައި މިވަނީ ރާއްޖެއަށް ކޮވިޑް-19 ގެ ތިންވަނަ ރާޅެއް އައިސްފައިވާކަމަށް ޑޮކްޓަރުން ފާހަގަކުރަމުން އަންނަ ވަގުތެއްގައެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިން ދިނުމުގެ މަސައްކަތްވެސް އިއްޔެ ރާއްޖޭގައި ވަނީ ފަށާފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމަށްފަހު އަނެއްކާވެސް އަދަދުތައް ވަނީ މަތިވާންފަށާފައެވެ. އެގޮތުން ޕޮޒިޓިވްވާ އަދަދުތައް މިހާރު 100 އިން މަތީގައި އުޅޭއިރު، އިއްޔެ ވަނީ މި ބައްޔަށް ޖުމުލަ 215 މީހުން ޕޮޒިޓިވްވެފައެވެ.