Last Updated: April 27, 10:00
Saturday, April 27, 2024
ޚަބަރު

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސިފައިން ކޮވިޑު ވެކްސިން އުފުލަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކޮވިޑު-19 ގެ ވެކްސިން އުފުލާ ދިނުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރާއްޖޭގައި ފަށާފައިވާ "ކޮވިޑު ވެކްސިނޭޝަން ޕްރޮގްރާމް"ގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް "ކޮވިޝީލްޑު ވެކްސިން" އުފުލުމުގެ މަސައްކަތް ސިފައިން ފަށާފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިއަދު މުޅި ރާއްޖޭގައި ކޮވިޑު ވެކްސިން ދިނުމަށް ފެށުމަށް ނިންމާފައެވެ. އަދި އުމުރުން 70 އަަހަރުން މަތީގެ މީހުންނަށްވެސް މިއަދު ކޮވިޑު ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ކޮވިޑު ވެކްސިން ދިނުމަށް ރަސްމީކޮށް ފަށާފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. ފާއިތުވި ދެ ދަވަހު ރާއްޖެއިން 880 މީހަކަށް ވަނީ ކޮވިޑު ވެކްސިން ދީފައެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، "ކޮވިޝީލްޑް" ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ވަނީ ދީފައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށެވެ.

ރާއްޖެއަށް ވަނީ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ގެނެސްފަ އެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.