Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ރައީސް ނަޝީދު

ރައީސް ނަޝީދު ބާރު އަޅުއްވަނީ އޭޕްރިލް 10 ގައި އިންތިހާބު ބޭއްވުމަށް!

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު އަހަރު ދުވަހަށް ފަސްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުންނެވެ. ކޮވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސްކޮށް، މިހާރު މަގާމުގައި ތިބި ކައުންސިލަރުން މަގާމުގައި ބޭތިއްބުމަށް ނިންމުމަށްފަހު އަނެއްކާވެސް އިންތިހާބު ފަސްކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހު ހުށަހެޅިއެވެ. އެހެންނަމަވެސް މަޖިލީހުން ފާސްކުރި ޕެންޑެމިކުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ ގޮތެއްގެ މަތިން އިންތިހާބު ބޭއްވުމަށެވެ. އަދި މަޖިލީހުގެ އެ ނިންމުމާއި އެކު އީސީން ނިންމާފައިވަނީ އޭޕްރިލް 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ.

އެއާއި އެކު އެޗްޕީއޭއާއި އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރުމަށްފަހު އެޗްޕިއޭއިން ވަނީ އިންތިހާބު ބޭއްވުމަށާއި، ކެމްޕެއިން ކުރުމުގެ ކަންކަމާއި ގުޅޭގޮތުން ގައިޑްލައިނެއް އެކުލަވާލާފައެވެ. އެހެންނަމަވެސް އެޗްޕީއޭ އިން އެކުލަވާލާފައިވާ އިންތިހާބު ކުރިޔަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ ގައިޑްލައިންގެ ސަބަބުން ގޮންޖެހުންތައް ހުރުމުން މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ނުބޭއްވިދާނެތީ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން އީސީންވަނީ ނިންމާފައެވެ.

މިކަމާއި ގުޅުގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "ކައުންސިލްތަކުގެ އިންތިހާބު ލަސްކުރުމަށް ސަބަބާއި ހުއްޖަތު ހޯއްދެވުމަށްވުރެއް ބޮޑަށް އެދެވެނީ މިހާރު އޮތް ދުވަހަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް" ކަމަށެވެ.

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބަށް ވަމުންދާކަން ހާމަކޮށްފައިވާއިރު، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި އިންތިހާބު ފަސްކުރަމުން އަންނަނީ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވާތީއެވެ.