Last Updated: April 24, 09:02
Wednesday, April 24, 2024
ޚަބަރު ޝަރުއީ ދާއިރާ

ޝެޑިއުލްކުރި އަޑުއެހުންތަކުން ގިނައީ ކެންސަލްކުރި އަޑުއެހުން

ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރު ޝެޑިއުލް ކުރި އަޑުއެހުންތަކުގެ ތެރެއިން ބޭއްވި އަޑުއެހުންތަކަށްވުރެއް ގިނައީ ކެންސިލްކުރި އަޑުއެހުންތައް ކަމަށް ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ނޮވެމްބަރު 1، 2019 އިން ފެށިގެން އޮކްޓޫބަރު 31، 2020 ގެ ނިޔަލަށް އެ ކޯޓަށް ވަނީ 985 މައްސަލައެއް ހުށަހަޅާފައެވެ. އަދި އެ މުއްދަތުގައި ނުނިމިހުރި މައްސަލަތަކުގެ އަދަދު އުޅެނީ 1711 ގަ އެވެ.

ކްރިމިނަލް ކޯޓުގެ ތަފާސްހިސާބު ދައްކާގޮތުން މި މުއްދަތުގައި 7850 އަޑުއެހުން ޝެޑިއުލް ކުރިއިރު، އެގެތެރެއިން ބޭއްވިފައިވަނީ 3426 އަޑުއެހުމެވެ. އަދި 4424 އަޑުއެހުން ވަނީ ޝެޑިއުލް ކުރުމަށްފަހު ކެންސަލްކޮށްފައެވެ.

ކެންސަލް ކޮށްފައިވާ 4424 އަޑުއެހުންގެ ތެރެއިން 2502 އަޑުއެހުން ކެންސަލް ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އިދާރީ ސަބަބުތަކާއި ހުރެއެވެ. އަދި 510 މައްސަލަ ކެންސަލް ކޮށްފައިވަނީ ދައުވާ ލިފަރާތާއި ގުޅުންހުރި ކަންކަމާއި ގުޅިގެންނެވެ. އަދި 364 މައްސަލަ ކެންސަލް ކޮށްފައިވަނީ ދިފާއީ ވަކިލާއި ގުޅުންހުރި ކަންކަމާއި ގުޅިގެންކަމަށް ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުން ދައްކައެވެ.