Last Updated: May 7, 15:03
Tuesday, May 7, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

އައްޑޫ ހެލްތް ސެންޓަރުތަކުން ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައިފި

މެމްބަރު މުހައްމަދު ނިހާދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ ސިޓީގައި ކޮވިޑުން ރައްކާތެރިވުމަށް އެންމެ ތަނެއްގައި ވެކްސިން ދިނުމުގެ ބަދަލުގައި އެކި އަވަށްތަކުގައި ހުރި ހެލްތް ސެންޓަރުތަކުން ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާދު ވަނީ އައްޑޫސިޓީން ކޮވިޑް-19 އަށް ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އިއްޔެގެ އިރުއޮށްސުމާއި ހަމައަށް އައްޑޫއިން 40 އަށްވުރެއް ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ނިހާދު ވިދާޅުވިއެވެ.

"ޑޮކްޓަރަށް ދައްކަން މީގެން ބައެއް ޕޭޝަންޓުން ދިއުމާއި ގުޅިގެން ޑޮކްޓަރުންނާއި ނަރުހުންގެ އެތައްބަޔަކު ކަރަންޓީންވާން ޖެހިއްޖެ. ހާލަތު ވަރަށް ގޯސް. ކޮންޓެކްޓް ލިސްޓު ވަރަށް ދިގު. ސާމްޕަލް ނެގުމަށްޓަކައި އިންތިޒާރުކޮށްގެން ތިބެންޖެހޭ ވަގުތު އެހާގިނަމެ. ހުން އައިސް ބަލިކޮށް ގޭގައި މީހުން އެބަތިބި." ނިހާދް ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ އައްޑޫސިޓީގައި ވެކްސިން ޖަހަމުން ދަނީ އެންމެ ތަނަކުން ކަމަށާއި، އައްޑޫގެ އެކި ހިސާބުތަކުން ވެކްސިންޖަހަން ބޭނުންވާ މީހުން ދާންޖެހެނީ އެތަނަށް ކަމަށެވެ. އެހެންކަމުން އައްޑޫގެ ހުރިހާ ހިސާބަކުންވެސް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިހާދު ވަނީ ގޮވާލައްވާފައެވެ.

"ފޭދޫގައި، މަރަދޫގައި، މަރަދޫ ފޭދޫގައި ހެލްތް ސެންޓަރުތައް އެބަހުރި. އަޅުގަނޑު އެދެނީ، މިތަންތަނުން [ހެލްތް ސެންޓަރުތަކުން] ވީހާވެސް އަވަހަކަށް ރައްޔިތުންނަށް، އުމުރުން ދުވަސްވީ ބޭފުޅުންނަށް، ރިސްކް ހައި ބޭފުޅުންނަށް ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ މިއީ ވަރަށް ބޮޑު ކަމެކޭ. އަޅުގަނޑު ސަރުކާރަށް ގޮވާލަން މިހާރުން މިހާރަށް މިކަމަށް އެޓެންޑުވެ އަޅުގަނޑުމެންގެ ރައްޔިތުންނަށް ވެކްސިން ލިބޭނެ އިންތިޒާމު، މިދެންނެވި ހެލްތް ސެންޓަރުތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް." ނިހާދު ވިދާޅުވިއެވެ.