Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު ޝަރުއީ ދާއިރާ

އުފުލާފައިވާ ދައުވާތަކަށް ޖިހާދު އިންކާރު ކުރައްވައިފި

ކުރީގެ ނާއިބު ރައީސް އަދި ކުރީގެ ފިނޭންސް މިނިސްޓަރު ޖިހާދު: ފޮޓޯ / މަޖިލިސް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ތަކަށް އޭނާ އިންކާރުކުރައްވައިފިއެވެ.

ކ. ފުށިދިއްގަރުފަޅުގެ މައްސަލައިގައި ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ޖިހާދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިއްވުމުން، ޖިހާދު ވަނީ ދައުވާތައް ސާފުވެއްޖެ ކަމަށް ވިދާޅުވެ ދައުވާތަކަށް އިންކާރުކޮށްފައެވެ.

ޖިހާދު ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ އެ މައްސަލައިގައި ޖިހާދުއާއި ދެކޮޅަށް ހުށަހަޅާ ހެކިން ހާމަކޮށްފައެވެ. އެގޮތުން ދައުވާ ސާބިތުކުރުމަށް ޝަފަވީ ހެކީންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން މި މައްސަލައާ ގުޅުންހުރި ބޭރު މީހެއް ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ޖިހާދު ދެއްވާފައިވާ ބަޔާނާއި، ނޭޝަނަލް ޕްލޭނިންގ ކައުންސިލުންނާއި ވަޒީރުންގެ މަޖިލީހުން ކ. ފުށިދިއްގަރުފަޅާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތައް ވެސް ހުށަހަޅާފައިވެއެވެ.

ޖިހާދުގެ ފަރާތުން ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމުން ވަކީލު ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވިދާޅުވީ، އަޑުއެހުމަށް ވަޑައިގެންނެވީ ހެކި ހުށަހެޅުއްވުމަށް ތައްޔާރުވެވަޑައިގެން ނޫންކަމަށާއި ލިޔުމުން ހެކި ހުށަހެޅުމުގެ ފުރުސަތެއް ދެއްވުން އެދޭ ކަމަށެވެ. އަދި ގާޒީ ވަނީ އެކަމަށް ތިން ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ނިންމަވާފައެވެ. އަދި ޝަރިއަތުގެ ކުރިން ހުށަހަޅަންޖެހޭ ހެކި ދެފަރާތުންވެސް 14 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ފުރުސަތު ދެއްވާފައިވެއެވެ.

ޖިހާދުގެ މައްޗަށް އުފުލާ ދައުވާގެ ތަފްސީލު:

މި މައްސަލައަކީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަހްޤީޤު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ މައްސަލައެކެވެ.

މި މައްސަލައާއި ގުޅޭގޮތުން މީގެ ކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ، ނޭޝަނަލް ޕްލޭނިން ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ 50 އިންސައްތަ ހިއްސާވާގޮތަށް ޖޮއިންޓް ވެންޗާ އެގްރީމަންޓެއް ހެދުމަށް 22 ނޮވެންބަރު 2011 ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށާއި، މިނިންމުމުގައި އޮތީ، މި މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަންނުޖެހޭ ގޮތަށާއި، މިމަޝްރޫއުގެތެރެއިން، ބިމު ކުލި ދައުލަތަށް ލިބެންޖެހޭ ގޮތަށްކަމަށް ޕީޖީއިން މައުލޫމާތުދޭފައިވެ އެވެ.

އެހެންނަމަވެސް ޖިހާދު ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ހުރެ، ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ހިލާފަށް، އެކަން އެގޮތަށް ކުރަންޖެހިދާނެ އެއްވެސް ސަބަބެއް ނެތި، 13 ޖަނަވަރީ 2013 ދުވަހު ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 އިންސައްތައިގެ ބަދަލުގައި، ދިވެހި ދައުލަތުގެ 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އަދި ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604,713,750 ޑޮލަރު އުނިވެފައިވާކަމަށް ޕީޖީން ބުނެ އެވެ. އަދި އޭގެ އިތުރުން، ދައުލަތުގެ 50 އިންސައްތަ ހިއްސާގެ ބަދަލުގައި 25 އިންސައްތައަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުންވެސް އޮންނާނެ ކަމަށް ޕީޖީން ބުނެފައިވެ އެވެ.

މިމައްސަލަ އޭސީސީއަށް ހުށަހެޅުނު ނަމަވެސް 2016 ފެބްރުއަރީ 16 ވަނަ ދުވަހު އޭސީސީން ނިންމާފައިވަނީ އެ ކަމުގައި ކޮރަޕްޝަން އެކުލެވިގެންނުވާކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި އޮތުމުގެ ފުރުސަތު އޮތުމުން އެ މައްސަލަވަކި މައްސަލައެއްގެ ގޮތުގައި ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ޕީޖީން ވަނީ އަންގާފަ އެވެ.