Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ޖެންޑާ މިނިސްޓްރީ

އައްޑޫގައި ނާޒުކު ހާލަތުގައި ހުޅޭ ފަރާތްތަކަށް އެހީ ފޯރުކޮށްދޭން ފަށައިފި

ފޮޓޯ: ޖެންޑާ މިނިސްޓްރީ

އައްޑޫސިޓިގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ، އައްޑޫ ސިޓީ މޮނިޓަރިންގ ޙާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ މިނިސްޓްރީން މި މަހުގެ 11ގައި ފަށައިފިވާ ކަމަށެވެ.

އެގޮތުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން އައްޑޫ ސިޓީގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއަރ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަސައްކަތުގެ ތެރެއިން ކާބޯތަކެއްޗާއި ބޯފެނުގެ އިތުރުން ސެނިޓައިޒާ، މާސްކް، އަންގި ފަދަ ތަކެތި ފޯރުކޮށްދެމުންދާކަމަށާއި، އެ ގޮތުން ގާތްގަނޑަކަށް 50 ކެއަރ ޕެކޭޖަސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތުގައި އައްޑޫ ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނާއި ދިވެހި ރެޑް ކްރެސެންޓްގެ އައްޑޫ ސިޓީ ގޮފީގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ، މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ އައްޑޫ ސިޓީގައި މިހާރު އޮތް މޮނިޓަރިން ހާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ސިއްހީ ޙާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.

އޭގެއިތުރުން ފުވައްމުލައް ސިޓީ މޮނިޓަރިންގ ހާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރުމަށް ގަސްދުކުރާކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.