Last Updated: March 29, 10:36
Friday, March 29, 2024
ޚަބަރު

ނަން އަނބުރާ ގެންދިޔައީ ބަލި ހާލަތު ހުރި ގޮތުން: ޖިންކޯ

ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ ކޮރޮވަލި ދާއިރާއަށް ކުރިމަތިލުމަށްފަހު ނަން އަނބުރާ ގެންދިޔައީ ސިއްހީ ހާލަތު ހުރި ގޮތުން މިވަގުތު އިންތިހާބުގައި އަމަލީ ގޮތުން އުޅެވެން ނެތުމުން ކަމަށް މުހައްމަދު ޖިނާން (ޖިންކޯ) ބުނެފިއެވެ.

ޖިންކޯ މިއަދު އައްޑޫލައިވް އާއި ވާހަކަ ދައްކަމުން ބުނީ އޭނާގެ ފުރަމޭގެ ބޮޑު ބައްޔަކަށް ބޭސް ކުރަމުން އަންނަ އިރު މިވަރުގެ އިންތިހާބެއްގައި އަމަލީ ގޮތުން ނިކުމެ ކެމްޕެއިންގައި އުޅުމުގެ ސިއްހަތެއް މިވަގުތު ނެތްކަމަށެވެ.

"ބަލިކޮށް އުޅޭތާ ދުވަސްތަކެއްވެއްޖެ، އެހެންވެ ކެމްޕެއިންގައި އުޅެވޭނެ ސިއްހަތެއް މިވަގުތު ނެތް" ޕީޕީއެމް ކައުންސިލްގެ މެމްބަރު ޖިންކޯ ބުންޏެވެ.

ޖިންކޯ ބުނީ އޭނާއަށް އިންތިހާބުގައި ވާދަ ނުކުރިނަމަވެސް ޕާޓީން ނިކުމެފައިވާ އެހެން ކެންޑިޑޭޓުންނަށް ތާއިދު ހޯދައިދިނުމަށް އަމަލީގޮތުން ބައިވެރި ނުވެވުނު ނަމަވެސް ވެދެވެން އޮތް އެހީތެރިކަމެއް ޕާޓީގެ ކެންޑިޑޭޓުންނަށް ފޯރުކޮށްދޭނެކަމަށެވެ.

ޖިންކޯ ނަން އަނބުރާ ގެންދިއުމުން އޭނާއަށް ތަފާތު ތުހުމަތުތަކެއް ޕާޓީގެ ބައެއް މެމްބަރުން އަންނަނީ ކުރަމުންނެވެ. ނަމަވެސް އެހުރިހާ ތުހުމަތުތަކެއް ޖިންކޯ ދޮގުކުރެއެވެ.

ޖިންކޯ ނަން އަނބުރާ ގެންދިއުމުން އެދާއިރާގެ ގޮޑިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝިނާޒު މޫސާއަށް ކަށަވަރުވެފައެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރަކަށްވެ ހުރެ ޖިންކޯ އިންތިހާބު ދޫކޮށްލުމުން އޭނާގެ ސުލޫކީ މައްސަލައެއް ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.