Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު ކޮވިޑު-19

އައްޑޫގައި ދުވާލަކު 1000 މީހުންނަށް ވެކްސިން ދެނީ

އައްޑޫގައި ދުވާލަކު 1000 މީހުންނަށް ނުރައްކާތެރި ކޮވިޑް 19 ވައިރަހުން ރައްކާތެރިވުމަށް ޖަހައި ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ރޭ ބުނީ، އައްޑޫގައި ދުވާލަކު ވެކްސިން ޖަހައިދޭ އަދަދު 1000 އަށް އިތުރުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި، އަދި އެމަސައްކަތުގެ ތެރެއިން މިހާރު ވަނީ ވެކްސިން ޖަހައިދޭ އިތުރު ސެންޓަރުތައްވެސް ގާއިމުކޮށްފައިކަމަށެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އޭއީއެޗްގެ ފަރާތުން ވާހަކަދައްކަވަމުން މުހައްމަދު ނަޖީބު ވިދާޅުވީ، އައްޑޫގައި ދުވާލަކު އެއްހާސް މީހުންނަށް ވެކްސިން ދިނުމުގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ބައެއް ސުކޫލުތަކުގައިވެސް ވެކްސިން ޖަހައިދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އައްޑޫ ހައި ސްކޫލް އަދި ހިތަދޫ ނޫރާނީ ސްކޫލްގެ އިތުރުން ރަށްރަށުގެ ސިއްހީ މަރުކަޒު ތަކުގައި މިއަދު ވަނީ ވެކްސިން ދޭން ފަށާފައެވެ.

މިދުވަސްކޮޅަކީ އައްޑޫގައި ނުރައްކާތެރި ކޮވިޑް 19 ވައިރަސް ވެސް ހަލުވިކަމާއިއެކު ފެތުރެމުންދާ ދުވަސްވަރެކެވެ. އައްޑޫއިން މިހާތަނަށް ވަނީ 61 މީހުން ބައްޔަށް ޕޮޒިޓިވްވެފައެވެ.