Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ޝަރުއީ ދާއިރާ

ޝިއާރު މަރާލި މައްސަލަ: ދައުވާ ލިބުނު މީހުން ސަލާމަތްވެއްޖެ!

ސ. ހިތަދޫގައި ހިންގި މާރާމާރީއެއްގައި މަރައިލި ހުސައިން ޝިއާރުގެ މަރުގެ މައްސަލާގައި ދައުވާ އުފުލި ހަތަރު މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ހުކުމް ކޮށްފިއެވެ.

ޖޫން 15، 2015 ގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި ޝިއާރު، މަރާލިތާ ފަސް އަހަރު ފަހުން އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އިއްޔެއެވެ.

ޝިއާރުގެ މަރާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ސ. ހިތަދޫ / ހަނދުވަރު، އިސްމާއިލް ރަޝީދުއާއި، ސ. މަރަދޫ / އޮނުފީނުގެ މުހައްމަދު ނިފާޛުއާއި، ސ. ހިތަދޫ / ޗާންދުމާގެ، އަލީ ސަމްއާންގެ އިތުރުން ސ. މަރަދޫ / ގަދަކޯޅިގެ، މުހައްމަދު އަދާނުގެ މައްޗަށެވެ.

މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުންވަނީ 20 ސިއްރު ހެއްކާއި، އިތުރު ނުވަ ހެއްކެއް ހުށަހަޅާފައެވެ.

މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، ދައުވާ ލިބޭ މީހުން ޝިއާރަށް ހަމަލާދިން ތަން ފެނުނު ކަމަށް އެއްވެސް ހެކިވެރިއަކު ކޯޓުގައި އަދި ތަހުގީގުގައި ހެކިބަސް ދީފައި ނުވާ ކަމަށެވެ. އަދި ޑީއެންއޭ ނުވަތަ ފިންގަޕްރިންޓް ފަދަ ފޮރެންސިކް ހެއްކެއް ވެސް ހޯދިފައިނުވާ ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ މައްސަލަ ބިނާވެފައިވަނީ، ޝިއާރު މަރުވުމުގެ ކުރިން، އޭނާ އަށް ހަމަލާދިނީ ދައުވާ ލިބޭ މީހުން ކަމަށް ބުނެފައިވާ ބުނުމެއްގެ މައްޗަށް ކަމަށާއި އެކަމަކު އެއަށް ބުރަދަން ނުދެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުން ބުނެފައިވަނީ، މަރުމަތީގައި ބަސް ބުނި ވަގުތު އޭނާގެ ބުއްދީގެ ހާލަތާއިމެދު ޝައްކުތަކެއް އުފެދިފައިވާކަން އެގެން އޮންނާތީއެވެ. އަދި ޝިއާރު މަރުވި ވަގުތު އޭނާގެ ބުއްދީގެ ހާލަތު ހުރީ ރަނގަޅަށް ކަމަށް ސާފުވާފަދަ ރިޕޯޓެއް އޮތްކަމަށް ދައުލަތުން ބުނި ނަމަވެސް، އެ ރިޕޯޓު ހުށަނާޅާ އެތައް އަހަރެއް ވަންދެން ދައުލަތުން ތިބުމުން އެ އަށް އިތުރަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ދައުލަތުން ކޮށްފައިވާ ދައުވާއަށް ހަތަރު މީހުން އިންކާރުކުރުމާއި ގުޅިގެން ދައުލަތުން ހުށަހެޅި ހެކި ޤަރީނާއިން މިމައްސަލާގައި ސ. ހިތަދޫ / ހަނދުވަރު، އިސްމާއިލް ރަޝީދުއާއި، ސ. މަރަދޫ / އޮނުފީނުގެ މުހައްމަދު ނިފާޛުއާއި، ސ. ހިތަދޫ / ޗާންދުމާގެ، އަލީ ސަމްއާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.

އަދި ސ. މަރަދޫ / ގަދަކޯޅިގެ، މުހައްމަދު އަދާނުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތު ނުވިނަމަވެސް، ހުސައިން ޝިއާރުއަށް ހަމަލާ ދިނުމުގެ ދެ ތިން ދުވަސް ކުރިން ޝިއާރު މަރާލާނެކަމަށް ބުނެ އަދާނު، ޝިއާރަށް މަރުގެ އިންޒާރު ދީފައިވާކަން ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި 18 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރާކަމަށެވެ.