Last Updated: April 26, 06:25
Friday, April 26, 2024
ޚަބަރު

އިންތިހާބެއް ނެތި ގޮޑި ލިބުމަކީ އެމްޑީޕީ ލާމަރުކަޒީ ނިޒާމަށް ފަރިތަކަން: އަނަސް

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ލުމެއް ނެތި އެމްޑީޕީއަށް ގިނަ ގޮޑިތަކެއް ލިބުމަކީ ލާމަރުކަޒީ ނިޒާމަށް އެމްޑީޕީ ފަރިތަކަން ކަމަށް މާލެ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވާ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް މިފަދައިން ވިދާޅުވީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމާއި ގުޅިގެން އެދާއިރާތަކުގެ ގޮޑި އިންތިހާބަކާއި ނުލައި އެމްޑީޕީ ކެންޑިޑޭޓުންނަށް ލިބުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެެވެ.

އަނަސް ވިދާޅުވީ އެއިން ދައްކައި ދެނީ އެމްޑީޕީ ލާމަރުކަޒީ ނިޒާމަށް ފަރިތަކަން ކަމަށާއި، ސިޔާސީ ވާދަވެރިން ލާމަރުކަޒީ ނިޒާމަށް ބީރައްޓެހިން ކަމަށެވެ.

"ލާމަރުކަޒީ ނިޒާމަށް މި ޕާޓީ ފަރިތަކަން، އަދި ސިޔާސީ ވާދަވެރިންނަށް ލާމަރުކަޒީ ނިޒާމާއި އޮތް ބީރައްޓެހިކަން ސާފުވަނީ އިއްޔެ އެމްޑީޕީން ކާމިޔާބު ކުރި ގޮޑިތަކުން" އަނަސް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރި 308ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ އިރު 120 ކެނޑިޑޭޓަކު އިންތިހާބަކާއި ނުލާ ވަނީ ހޮވިފައެވެ