Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ޝަރުއީ ދާއިރާ

ތިމަރަފުށިން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިމަރަފުށީ އޮޕަރޭޝަނާއި ގުޅިގެން ހައްޔަރުކުރި މީހުން-- ފޮޓޯ: ފުލުހުން

ރާއްޖޭގައި ބޮމުގެ ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި ތ. ތިމަރަފުށިން ހައްޔަރު ކުރި ހަރުކަށި ފިކުރުގެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ އަށް މީހެއްގެ މައްޗަށެވެ. މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި، މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ މިއަދު ކުރިއަށް ގެންދާނީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުން ކަމަށެވެ.

އެގޮތުން ދައުލަތުން އެދިފައިވަނީ ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ބޭތިއްބުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ، އެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާއާއި މައްސަލައިގެ ބާވަތަށްބަލާ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ނިންމަވާފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެމީހުންގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންބޮޑުވުމަކީ، ރިމާންޑް ޖަލަކަށް ބަދަލުކުރުމަށް ކޯޓުން މީގެ ކުރިން އަމުރުކޮށްފައި ވީނަމަވެސް އެމީހުން ކަސްޓޯޑިއަލް ޖަލެއްގައި ބައިތިއްބާފައި ތިބުމެވެ. އެކަމުގައި ދައުލަތުން ބުނެފައިވަނީ، އެމީހުން ރިމާންޑް ޖަލަކަށް ބަދަލުކުރެވިފައި ނުވަނީ ޖަލުގެ ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތުދީފައިވާކަމަށެވެ.

ފުލުހުން ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން އިސްވެތިބެ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ، ޓެރަރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއްކަމަށް ދައްކައި، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވައި، ހިއްވަރުދީ، ތިމަރަފުށީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާޙް-3" ދޯނީގައި އައި.އީ.ޑީއެއް (ބޮމެއް) ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވުމާއި، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށްގޮސް ތަމްރީނުތައް ހަދަމުން ދިއުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި، ހަރުކަށި ފިކުރުގެ ދަރުސްތައް އޮންލައިންކޮށް ބާއްވައި، އެރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކޮށް، ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދިއުމާއި، ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައެވެ.

ހައްޔަރުކޮށްފައިވާ މީހުނާއި ކޮށްފައިވާ ދައުވާ:

1) އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި / ފެހިވިދުވަރުގެ:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ އަދި ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދަޢުވާ.

2) އަހްސަން މުހައްމަދު، ތ. ތިމަރަފުށީ / އަސްރަފީވިލާ:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ އަދި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ.

3) އަލީ މުނީޒު، ތ. ތިމަރަފުށި / ކެނެރީގެ:
ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާ އަދި ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދަޢުވާ.

4) މުހައްމަދު އާސިރު، ތ. ތިމަރަފުށި / އަސުރުމާގެ:
ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާ.

5) އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ / ފެހިވިލާ:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ އަދި ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދަޢުވާ.

6) ޝަމާޚު ޝަރީފް، ތ. ތިމަރަފުށި / ސައިމާ:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ އަދި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ.

7) އިބްރާހިމް ލޫތު، ނ. ކުޑަފަރި / ރޯޒްމީޑު:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ އަދި ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ.

8) އަބްދުﷲ އިމާދު، ރ. މަޑުއްވަރި / ބީޗްހައުސް:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ، ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އަދި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި / ފެހިވިދުވަރުގެ (34އ) އަކީ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި އައްޔަނުކޮށްފައިވާ މީހެއްކަމަށް ވެސް ފުލުހުން މައުލޫމާތުދީފައިވެއެވެ.