Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު ޝަރުއީ ދާއިރާ

9 ކިލޯ ޑްރަގް މައްސަލަ: އަރުޝަދު ބަންދުން ދޫކޮށްލައިފި

އަރުޝަދު ހާލިދު---ފޮޓޯ: ފުލުހުން

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށްފައިވާ އަރުޝަދު ހާލިދުގެ ބަންދުން ދޫކޮށްލައިފިއެވެ.

ޖަނަވަރީ 31، 2020 ފެށިގެން ހަތެއް ފެބްރުވަރީ 2020 އާ ހަމައަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންތަކެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން 10 ގެއަކާއި ވެހިކަލްތަކެއް ބަލައިފާސްކޮށް ނުވަ ކިލޯ ހެރޮއިންއާއި، ހަތަރު ގްރާމް ކޮކޭން އަދި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުންވަނީ އަތުލައިގެންފައެވެ.

މި މައްސަލައިގައި ދުވާ ކޮށްފައިވަނީ، ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމެވެ. އެ މީހުންގެ މައްޗަށް ކުރަނީި ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ބަންދުން ދޫކޮށްލާފައިވަނީ މި މައްސަލައިގައި ހިމެނޭ އަރުޝަރު ހާލިދުއެވެ. އޭނާ ދޫކޮށްލާފައިވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ނެރުނު އަމުރު މުރާޖާ ކުރުމަށްފަހުއެވެ.

އަރުޝަދުގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައިވާ ފައިސާ އަކީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ އެކައުންޓުތައްވެސް ވަނީ ފްރީޒްކޮށްފައެވެ. މި މައްސަލައާ ގުޅިގެން ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ހިފަހައްޓާފައިވާ ކަމަށް ފުލުހުން މީގެ ކުރިން މައުލޫމާތުދީފައިވެއެވެ.