Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ކޮވިޝީލްޑު

ކޮވިޑް ވެކްސިން ޖެހި މީހަކު މަރުވި މައްސަލައެއް ބަލަނީ

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖެހި އުމުރުން ދުވަސްވީ މީހަކު މަރުވެގެން އެކަން އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޝީލް ވެކްސިން މިދިޔަ ބުދަދުވަހު ޖެހިފަހުން ނިޔާވީ، ސިއްހީ ހާލަތު ހުރި ގޮތުން ފާއިތުވެދިޔަ ދިހަ އަހަރު ދުވަހު ބަލި އެނދުގައި އޮތް އުމުރުން 93 އަހަރުގެ މީހެއް ކަމަށެވެ.

އުސޫލުގެ ދަށުން އެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށާއި އެ ތަހުގީގަށްފަހު ހޯދުނު ހޯދުންތައް ހިއްސާކުރާނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. އެޗްޕީއޭ އިން ބުނީ ތަހުގީގާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 64،048 މީހުން ވަނީ ކޮވިޝީލްޑް ވެކްސިން ޖަހައިފައެވެ. ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކުރި އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފައެވެ.