Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު ޝަރުއީ ދާއިރާ

ޤާސިމް މަރާލި ކަމަށް އަދުހަމް އަނެއްކާވެސް އިއުތިރާފްވެއްޖެ

ގާސިމް ހަސަން (ކ) , އަދުހަމް މުހައްމަދު (ވ)--

ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދު އަނެއްކާވެސް ކޯޓުގައި އެ ކުށަށް އިއުތިރާފްވެއްޖެއެވެ.

ޤާސިމް މަރުގެ މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ އަދުހަމްގެ މައްޗަށް އުފުލާ ދައުވާ އިއްވާފައެވެ.

ދައުލަތުން ދައުވާ އިއްވުމުން އަދުހަމް ބުނެފައިވަނީ ތަހުގީގަށާއި ކޯޓަށް މީގެ ކުރިން މި މައްސަލައާއި ގުޅިގެން ބަޔާނެއް ދީފައިވާނެ ކަމަށާއި އަދި އޭގައި އެކަން ހިނގާގޮސްފައިވާ ގޮތް ކިޔައިދީފައިވާނެކަމަށެވެ. ފަހުން އެކަމަށް އިންކާރުކުރީ ޖަލުގައި ތިބި ގައިދީން އޭނާ އަށް ބިރު ދައްކައިގެން ކަން ފާހަގަކޮށް އަދުހަމް ބުނެފައިވަނީ މިހާރު އެކަމަށް އެއްބަސްވަނީ ޖަލުގައި އެއްވެސް ނުރައްކަލެއް ނެތުމުން ކަމަށެވެ.

ޤާސިމްގެ މަރަށް އަދުހަމް މިއަދުގެ ޝަރިއަތުގައި އިއުތިރާފްވެފައިވާއިރު އޭނާ ބުނެފައިވަނީ އެއީ ގަސްދުގައި ކުރިކަމެއް ނޫންކަމަށެވެ. އަދުހަމް ބުނީ ޤާސިމަށް ހަމަލާ ދިނީ މަރާލަން ނޫންކަމަށާއި، އޭނާ އުޅުނީ ގާސިމްގެ އަތުން ފޭރުމަށްކަމަށެވެ. އެހެންނަމަވެސް އެވަގުތު އޭނާ މަސްތުގެ ހާލުގައި ހުރުމުންނާއި ޤާސިމް ސަލާމަތްވާން އުޅުމުގެ ތެރޭގައި ކަރަށް ވަޅި ހެރުނީކަމަށް އަދުހަމް ބުންޏެވެ.

އަދުހަމް މިއަދުގެ ޝަރީއަތުގައި ބުނެފައިވަނީ ޤާސިމްގެ ވާރިސުންގެ ކިބައިން މާފަށް އެދޭކަމަށާއި އަދި ވީ އެންމެ ކުޑަ އަދަބެއް ދިނުމަށް އެދޭކަމަށެވެ.

ޤާސިމް މަރާލި ރޭ ކަންހިނގިގޮތާއި ގުޅޭގޮތުން ގާޒީ ސުވާލުކުރުމުން އަދުހަމް ބުނެފައިވަނީ، ގާސިމްގެ ކަރަށް ވަޅި ހެރުމުން ކާރުން ފައިބައިގެން ދުވަމުން ދަނިކޮށް ހަމަލާދިން ވަޅި ވަޅުގަނޑަކަށް ވެއްޓުނީ ކަމަށެވެ. އަދި މަގުމަތީގައި އޮތް ފެންގަނޑަކުން މޫނާއި އަތް ދޮވެގެން ދިޔައީ ރަހުމަތްތެރިއެއްގެ ގެއަށް ކަމަށެވެ. އަދި އޭނާގެ އަތުން ގަމީހެއް ހޯދައި ކަމަށާއި، ހަމަލާދިން ވަގުތު ލައިގެން ހުރި ގަމީސް ފޮރުވީ ކުނި ގޯނިތަކެއްގެ ތެރޭގައި ކަމަށެވެ. އަދުހަމް ބުނީ އޭގެ ފަހުން ބަހުގައި މާލެ އައިސް ގެއަށް ދިޔައީ ކަަމަށާއި އެއްވެސް ވަރަކަށް ފިލަން މަސައްކަތް ނުކުރާ ކަމަށެވެ.

މީގެ ކުރިން ކުށަަށް އިއުތިރަފްވީ ފުލުހުން ބިރު ދައްކައިގެންކަމަށް އަދުހަމް މީގެ ކުރިން ޝަރިއަތުގައި ބުނީ ކީއްވެތޯ ގާޒީ ސުވާލު ކުރުމުން އަދުހަމް ބުނީ އެގޮތަށް އޭރު ބުނީ އޭނާއާއި އެކު ގޮޅީގައި ތިބި މީހުން އެގޮތަށް ވިސްނައި ދިނުމުން ކަމަށެވެ. އަދި ފުލުހުން އޭނާއަށް ބިރު ނުދައްކާކަމަށް އަދުހަމް ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ މައްސަލައިގައިހެކިންގެ ހެކިބަސް ނެގުމަށެވެ. އެހެންކަމުން ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމުގައި ހެކިބަސް ނަގާނެ ކަމަށެވެ.