Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު ސިޔާސީ

ޑރ. ވަހީދު ވެރިކަމަށް ކުރިމަތިލާން ތައްޔާރު!

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު - އަވަސް

އަންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމަށް ކުރިމަތިނުލެވޭ ހާލަތުގައި ވެރިކަމަށް ކުރިމަތިލުމަށް ތައްޔާރަށް ހުންނެވިކަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހާމަކުރައްވައިފިއެވެ.

ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޑރ. ވަހީދު ދައުލަތުގެ މީޑިއާ، ދިވެހި ރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމުންގެ ތެރެއިން މީހަކު ފޮނުވި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޕީޕީއެމްއިން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީނަށް ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮތްކަމަށެވެ.

ޕާޓީގެ ތެރޭގައި މަސައްކަތްކުރަމުން ވެސް އަންނަނީ އެގޮތަށްކަން ފާހަގަކޮށް ޑރ. ވަހީދު ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަމަށް ކުރިމަތިނުލެވޭ ހާލަތެއްގައިވެސް ޕީޕިއެމުން ނިންމާނީ ޤައުމަށާއި ޕާޓީއަށްވެސް އެންމެ ރަނގަޅު ގޮތަށްކަމަށެވެ.

"އެ އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު އެ މަގާމަށް ކުރިމަތިލުން ކަމަށް ވާނަމަ އެއީ އެންމެ ރަނގަޅު ގޮތް." ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރައީސް ޔާމީން މިނިވަންވެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޕީޕީއެމްއިން ދެކޭކަމަށެވެ. އެހެންނަމަވެސް ސިޔާސީ މަސްރަހު ފުރޮޅިގެން ދަނީ ރައީސް ޔާމީނަށް މި ސަރުކާރުގެ ދަތިކުރުންތަކާ އެކުގައި ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަމަށް ކުރިމަތިނުލެވޭ ހާލަތެއްގައި ޕީޕީއެމުން ޕްރައިމަރީއެއް ބާއްވާނެ ކަމަށް ޤަބޫލުކުރާ ކަމަށާއި، އަދި ގޮތެއް ނިންމާނީ އޭގެތެރެއިން ކަމަށެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީގެ މައްސަލައިގައި އިތުރު ދައުވާތަކެއްވެސް ވަނީ އުފުލާފައެވެ. އަދި އިތުރު މައްސަލަތަކެއް ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.