Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު ލޯކަލް ކައުންސިލް އިންތިހާބު

ޒުވާނުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދޭނަން: މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ޕީޕީއެމް

މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނެ ކަމަށާއި، އަދި މަގާމަށް ހޮވައިދީފިނަމަ އެކަން ކޮށްދޭނެ ކަމަށް މާލެސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ޒުވާނުން އާމްދަނީ ހޯދާނެ މަގުތައް ސިޓީ ކައުންސިލަށް ފަހިކޮށްދެވެން އެބަހުރި ކަމަށާއި މީގެ ކުރީގައި މިކަންކަމަށް ވިސްނާފައި ނެތުމަކީ އެކަންކަން ނުކުރެވޭނެ ކަމެއް ކަމަށް ގަބޫލުކުރެވޭނެ ސަބަބެއް ނޫންކަމަށެވެ.

"ޒުވާނުންނަކީ ބިކަވެފައި މަގުމަތީގައި ބޭކާރުވެފައި، އެހެން މީހުންނަށް ބަރޯސާވެގެން ތިބެން ޖެހޭނެ ބައެއް ނޫން." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ޒުވާނުންނަކީ ގަދަރުވެރި ފުދުންތެރި ބަޔަކަށް ހެދުމަށް ސިޓީ ކައުންސިލަށް މަސައްކަތް ކުރެވޭނެ ކަމަށާއި އަދި އޭނާގެ ކިބައިގައި އެ ވިސްނުން އެބަހުރި ކަމަށެވެ. އަދި ޒުވާނުންގެ ފަރާތުން އެދެނީ ފުރުސަތެއް ދިނުމަށްކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމުގައި ވަކި ޕާޓީއަކަށް ނުބަލާ މަސައްކަތްކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މުހިންމީ އެހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކީގަ އެރައްޔިތުން ގޮވައިގެން އެރައްޔިތުންގެ މައްސަލަތައް ހައްލުކޮށްދޭން މަސައްކަތްކުރުން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންނަށް ހިދުމަތްކުރުމަށް ހޮވާފަވާ ސަރުކާރެއް ކަމަށާއި، މިސަރުކާރާއިއެކު މަސައްކަތް ކުރުމުގައި ޓަކި ނުޖަހާނެ ދޮރެއް ނުބަހައްޓާނެކަމަށެވެ.