Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު ކޮރޯނާ ވައިރަސް

ދެވަނަ ޑޯޒާއެކު ރަށްރަށަށް ގޮސް ކަރަންޓިންވާން ނުޖެހޭނެ: މިނިސްޓަރު ނަސީމް

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒާއި އެކު ކަރަންޓީން ނުވެ ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ދަތުރުކުރުމަށް ފަސޭހައަކަށް ވެކްސިން ޕާސްޕޯޓް ތައާރަފްކޮށްފައިވާ ކަމަށާއި، ރާއްޖޭގައިވެސް ވެކްސިން ޕާސްޕޯޓް ތައާރަފްކުރުމަށް ނިންމާފައިވާކަމަށެވެ.

ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި ކަމުގެ ޔަގީންކަމަށް ކުރިއަތް އޮތް ތަނުގައި ޤައުމުތަކުން އެދޭނެތީވެ ސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތް ދެތިން ހަތަރު މަސް ތެރޭގައި ވެކްސިން ޕާސްޕޯޓް ތަޢާރަފްކުރުންކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތީވިއްޔާ ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ވެސް ދަތިކަމެއް ނެތި ދެވޭނެ ކަމަށެވެ. އަދި އޭރަށް ކަރަންޓިން ވުމެއްނެތި ރަށްރަށަށްވެސް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ ހުރިހާ ބޭފުޅުންވެސް ވެެކްސިން ޖެއްސެވުން. ވެކްސިން ނުޖެއްސެވިއްޔާ ދަތިތަކެއްވެސް ދިމާވާނެ. ވެކްސިން ނުޖަހާ ދަތުރު ކުރަންވެސް އުނދަގޫ ވާނެ." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ނަސީމް ވިދާޅުވީ އާބާދީ ބޮޑެތި ރަށްރަށަށް ސަރުކާރުން ވެކްސިން ފޯރުކޮށްދީފައިވާކަމަށާއި، އަދި އަމާޒަކީ ބޮޑު އާބާދީ އޮންނަ ރަށްރަށުގައި ވީ އެންމެ އަވަހަކަށް ވެކްސިން ޖަހާ ނިންމާލުން ކަމަށެވެ.