Last Updated: April 24, 06:02
Wednesday, April 24, 2024
ޚަބަރު ޝަރުއީ ދާއިރާ

ފިލި މައްސަލައިގައި ލުތުފީގެ މައްޗަށް 7 މަހުގެ ޖަލު ހުކުމެއް

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލި މައްސަލާގައި އޭނާގެ މައްޗަށް 7 މަހާ 18 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ލުތުފީ ފިލި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ލުތުފީ ކުރިން އަޑުއެހުމުގައި މައްސަލައަށް އިއުތިރާފް ވެފައިވާތީ އިއުތިރާފްވީ މަޖުބުރުކޮށްގެންތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ލުތުފީ ބުނީ އިއުތިރާފްވީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށެވެ.

ޝަރީއަތުގައި ވާހަކަ ދައްކަމުން ލުތުފީ ބުނެފައިވަނީ އޭނާއަކީ ވަރަށް ބަލި މީހެއް ކަމަށާއި މިހާރުވެސް ބޮޑު ޖަލުހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެއްކަމަށެވެ. އެގޮތުން ޖަލުގައި މިހާރުވެސް 23 ވަރަކަށް އަހަރު ހޭދަ ކޮށްފައިވާކަމަށާއި، އޭނާގެ އެ ހުކުމުގެ ބާކީ ދެން އޮތީ ދެ އަހަރާއި ދުވަސްކޮޅެއް ކަމަށެވެ. އެހެންކަމުން މިއަދު އިއްވާ ހުކުމަކީ ޖަލު ހުކުމެއްގެ ބަދަލުގައި ގޭ ބަންދަށް އިއްވާ ހުކުމެއްގެ ގޮތަށް ހަދައިދިނުމަށް ލުތުފީ ވަނީ އެދިފައެވެ.

އެހެންނަމަވެސް ދައުލަތުން ވަނީ އެކަމަށް ދެކޮޅުހަދާފައެވެ. އެގޮތުން ދައުލަތުން ބުނެފައިވަނީ ލުތުފީގެ ބަލިހާލަތު ހުރިގޮތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލާފައިވާކަމަށާއި، އެހެންކަމުން މިއަދު އިއްވާ ހުކުމް ޖަލު ހުކުމެއްގެ ގޮތުގައި އިއްވައިދިނުމަށް އެދޭކަމަށެވެ.

މިމައްސަލަ ލުތުފީގެ އިއުތިރާފުން ސާބިތުވާ ކަމަށް ކަނޑައަޅާ އޭނާގެ މައްޗަށް އިއްވާފައިވަނީ 7 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ލުތުފީ އަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް (25 އަހަރަށް) ޖަލަށް ލާފައިހުރި މީހެކެވެ. ބޭސްފަރުވާއަށް ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އަށް އަހަރު އުޅުމަށްފަހު އޭނާ ވަނީ 2019 ވަނަ އަހަރު އަމިއްލަޔަށް ގޮސް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވެފައެވެ.