Last Updated: April 25, 08:46
Thursday, April 25, 2024
ޚަބަރު ކޮވިޑު-19

ފުރަތަމަ ޑޯޒް ޖަހަން ދެން ފަށާނީ އިތުރު ވެކްސިން ލިބުމުން: އެޗްއީއޯސީ

އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް - ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯން ޖަހަން ދެން ފަށާނީ އިތުރު ވެކްސިން ލިބުމުން ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. ނަޒްލާ ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަހަށް ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށްކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ރާއްޖޭގެ އާބާދީގެ 46 އިންސައްތަ މީހުނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ އޭޕްރިލް މަހު ދެވަނަ ޑޯޒް ޖެހަން ފެށުމަށްކަމަށެވެ.

ރާއްޖޭގައި މިވަގުތު ޗައިނާގެ ސައިނޯފާމް ވެކްސިންގެ 18،000 ޑޯޒް ވެސް އެބަހުއްޓެވެ. ނަމަވެސް އެ ވެކްސިނަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަދި ހުއްދަ ދީފައެއް ނުވެ އެވެ. ޑރ. ނަޒްލާ ވިދާޅުވީ އެ ވެކްސިންގެ އެޕްރޫވަލްގެ ކަންކަން ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 206،114 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ.